ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރައްވައިފިއެވެ.
އެކަމާ ގުޅޭގޮތުން މަޖިލީހުން މާބޮޑު ތަފްސީލެއް ދީފައި ނުވާ އިރު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް "ދަ ޕްރެސް" އަށް ވިދާޅުވީ މަޝްވަރާ ކުރެއްވީ މަޖިލިސް ކުރިއަށްދާނެ ގޮތެއް އޮއްތޯ ކަމަށެވެ. އަދި ނަޝީދުގެ ވިސްނުންފުޅަކީވެސް މަޖިލިސް ކުރިއަށް ގެންދިއުން ކަމަށާއި އެހެންނަމަވެސް ރައީސް ނަޝީދަށްވެސް ކުރަށްވަން ޖެހި ވަޑައިގަންނަވާ ކަންތައްތައް ކުރައްވަން ކެރިވަޑައި ނުގަންނަވައިގެން އުޅުއްވަނީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި މަސައްކަތް ކުރައްވަނީ ގަވާއިދުގެ ތެރެއިން މަޖިލީސް ހިނގާތޯ ކަމަށާއި ގަވާއިދުން ހިނގާ ކަމުން ވަނީނަމަ ދެ ބޭފުޅުން ކުރެ ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ގެންދަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު ބުނާ ގޮތަށް އަމަލުކުރަށްވަން ގޮވާލައްވާ ޝިޔާމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތީތީ މެޖޯރިޓީ ބޭނުންވާ ގޮތެއް މިކަމުގައި އޮވެގެން ނުވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ މީގެ ކުރިން މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުﷲ މަސީހު މުހައްމަދާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށްފަހު މޫސާ މަނިކުގެ މައްސަލަ އަނބުރާ ގެންދެވީވެސް މި މަރުތަޅު އަންނާނެތީ ކަމަށެވެ.
ސަރުކާރުން މިއަދު ކުރާ އެންމެ މުހިއްމު ކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށާއި އެ މީހުންގެ އެންމެ ބޮޑު ބޭނުމަކީ މަޖިލިސް ހުއްޓުވުން ކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މުވައްސަސާތަކުން ހިތުހުރި ގޮތަކަށް ކަންތައްތައްކުރުމުންދާ ކަމަށާއި މުވައްސަސާތައް ޖަވާބުދާރީ ނުކުރެވޭނެ ހާލަތެއް މިހާރު އެ އޮތީ އުފަންކޮށްފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެ ހާލަތުގެ ނާޖާއިޒު ފައިދާ ހަމަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނަގާތަން ފެންނަމުންދާ ކަމަށާއި ޖޭއެސްސީ އާއި އެޗްއާރްސީއެމް ޖަވާބުދާރި ކުރެވޭނެ ގޮތެއް ނެތް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި ޝިޔާމް ވަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލައްވާފައެވެ.