ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ޔޫރޯ އާއި ވޯލްޑްކަޕް ކޮލިފައިން މެޗުތައް ވެސް ރާއްޖޭގައި ކުޅެން ފަށާނެ ކަމަށް ގާސިމްގެ އެޑްވައިޒަރު ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖޭޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ޒުވާނުންނަށް އެންމެ ފަހި ހިދުމަތް ކުރަން އޮތް އެންމެ ބޮޑު ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށާއި މިއަދު އެންމެ ކުދި އާބާދީތަކުން މީހުންނަށް ކެބިނެޓުން ފުރުސަތު ދިނީ ގާސިމްގެ ޖޭޕީއިން ކަމަށެވެ.

ގާސިމްގެ އެއް ވައުދަކީ ގާސިމްގެ ވެރިކަމެއްގައި އޮލިމްޕިކްސް މުބާރާތް ބޭއްވޭ ވަރުގެ ބޮޑު ސްޓޭޑިއަމް އެއް އަޅައިދިނުންކަން ފާހަގަ ކުރައްވާ ރިޔާޒު ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި މެސީ އައިސް ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅޭނެ ކަމަށެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް މި ޔަގީންކަން ދެނީ، އެމަނިކުފާނުގެ ވެރިކަމެއްގައި މެސީ އައިސް ގަލޮޅުދަނޑުގައި ފުޓްބޯޅަ ކުޅޭނެ. މެސީ ފުޓްބޯޅަ މެޗެއް ކުޅޭނެ އެމަނިކުފާނުގެ ވެރިކަމުގައި. ޒުވާނުންނާއެކު ފުޓްބޯޅަ ކުޅޭނެ. ތިބޭފުޅުން ހާސްކަނޑާލާ."
ރިޔާޒު

ރިޔާޒު ވިދާޅުވީ އެ މަސައްކަތް ޒުވާނުންނާ ހިސާބަށް ގާސިމް ގެނެސްދެއްވާނެ ކަމަށާއި ކޮންމެ ބަންދެއްގައި ރަށްރަށުގައި މުބާރާތް ނުބޭއްވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށްވިޔަސް ގާސިމްގެ ވެރިކަމެއްގައި ޒުވާނުން ސަލާމް ޖަހަން ދުވާކަށް ނުޖެހޭނެ ކަމަށެވެ. އަދި ކިތަންމެ ކުޑަ އަދި ބޮޑު މުބާރާތެއްވިޔަސް އެ މުބާރާތެއްގެ ހުރިހާ ކަމެއް ގާސިމް ސްޕޮންސާ ކުރައްވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ޕްރޮޕޯސަލް ހައްދަވައިގެން ތަންތަނަށް އާދޭސް ކުރަން ދުވާކަށް ނުޖެހޭ ކަމަށާއި އެފްއޭއެމްއާއި ސްޕޯޓްސް މިނިސްޓްރީގެ ދައުރު މިއަށްވުރެ ފުޅާކުރާނެ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންތައްތައް ދަންނަ ބޭފުޅުން ތިބީ ގާސިމްގެ އަރިހުގައި ކަމަށާއި ގާސިމްގެ ވެރިކަމެއްގައި އަސާސީ ހުރިހާ ބޭނުންތަކެއް ފުއްދައިދެއްވާނެ ކަމަށެވެ.