މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން ދިވެހި ސިފައިންގެ ގާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރު އިތުރުކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި ސިފައިންގެ ގާބިލުކަން އިތުރު ކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަތަރު އެޑްވާންސް ވެޕަން ފަޔަރިން ސިމިއުލޭޓާ މި އަހަރުގެ ތެރޭގައި ރާއްޖެ ގެނެސް ބޭނުންކުރެވޭނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެންޓި ޑްރޯން ސިސްޓަމްތައް ހޯދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިފައިންނަކީ ކޮންމެ ވަގުތަކު، ކޮންމެފަދަ ހާލަތަކަށްވެސް ފުރިހަމައަށް ތައްޔާރުވެ، ލޯ ހުޅުވިފައި ތިބެން ޖެހޭ ބައެއް ކަމަށާއި އިލްމީ ގޮތުން ގާބިލު އަދި އަސްކަރީ ގޮތުން އެންމެ މަތީ ފަންތީގައި ގުނާލެވޭ ސިފައިން ދިވެހި އަސްކަރިއްޔާގައި މިހާރު އެބަ ތިބި ކަމަށެވެ. ދިވެހިންގެ ދިފާއުގައި އަދި ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި ދިވެހި ސިފައިން މިހާރު ވެސް އަންނަނީ ރެއާ ދުވާލު ވަރަށް ބުރަ މަސައްކަތައް ކުރައްވަމުން ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ.

މިނިވަން ނިގުޅައިގަތުމަކީ ބޭރުން މެދުވެރިވާ ކަމަކަށް ވި ނަމަވެސް ގިނަ ފަހަރަށް އެކަހަލަ ކަންކަމުގެ ފެށުން ގުޅިފައި ވަނީ ގައުމުގެ ދާހިލީ ހަމަޖެހުމަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅިވީ ރާއްޖޭގެ މިނިވަންކަމުގެ ތާރީހުން ފެންނަން އޮތީވެސް އެކަމުގެ ހަގީގަތް ކަމަށާއި މިއަދު ދުނިޔޭގައި ހިނގާ ހަނގުރާމަތަކުންވެސް ފެންނަނީ އެކަމުގެ ހެކިތައް ކަމަށެވެ. އެހެންކަމުން އެކަމުން ދުރުހިލެވެ ތިބުމަކީ ދިވެހި ސިފައިންވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ފަރުދީ ހައިސިއްޔަތުންވެސް ސިފައިންގެ ކޮންމެ މީހެއްގެ އެންމެ އިސް ވާޖިބަކަށް ހަދަންވީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުން ކަމަށާއި މުޅި ދުނިޔޭގައި ވެސް މިއަދު އޮތް އެންމެ ބޮޑު ނުރައްކަލަކީ ޒަމާނީ ޓެރަރިޒަމް ކަމަށެވެ. އަދި ދުރާލާ ރާވައިގެން އަދި މާ ދުރުގައި ފިލާ ތިބެގެން ހިންގާ ފިނޑި އަމަލުތަކުގެ ނުރައްކާ މުޅި ދުނިޔެއަށް މިއަދު ފެތުރިފައިވާ ކަމަށާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކަީވެސް ކޮންމެ ގައުމަކަށްވެސް މިއަދު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ރާއްޖެއަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ، ދެ ނަން ކިޔަސް މިއީ މުޅި އިންސާނިއްޔަތާ ދެކޮޅަށް އަތުކޮޅަށް ދަމާލާފައި އޮތް ކަނޑިއެއްގެ ވަރަށް ތޫނު ދެ މިޔަ."
ރައީސް

ޓެރަރިޒަމާއި ހަރުކަށި ފިކުރަށް ވެސް ދިވެހި ސިފައިން ތިބީ ތައްޔާރުވެ ފާރަވެރިވެގެން ކަމަށާއި އެ ނުރައްކާތަކުން ރާއްޖެ ރައްކާތެރިކޮށްދިނުމަށް ދިވެހި ސިފައިން އަންނަނީ ދުރާލާ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.