ސަރުކާރުން މިހާރުކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ގުޅޭ ދިރާސާތައް ކުރަމުން ކަމަށެވެ.

މި ވަގުތުވެސް އެންމެ އިސްކަމެއް ދެއްވަނީ ސިފައިންގެ ބޯހިޔާވަހިކަމަށް ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު އެ އިމާރާތް ނިމުމުގެ މަސައްކަތް މިހާރު އެ އަންނަނީ ކުރަމުން ކަމަށާއި ހިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށް ހުޅުމާލެ ފޭސް 2 ގައި ވެސް 138 ޔުނިޓްގެ ފްލެޓް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގެ މަސައްކަތްވެސް މި އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކަޅުތުއްކަލާ ކޮށީގައިވެސް ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މި އަހަރުގެ ތެރޭގައި ބިޑްކުރެވޭނެ ކަމަށެވެ.

ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން އެކި ފަރާތްތަކުން ތަފާތު ކުށްތައް ހިންގަމުންދާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހިންގަމުންދާ ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެފަދަ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން ނުވަތަ ރާއްޖޭގެ ސަރަހައްދަށް އެތެރެވާ ހިސާބުން ހުއްޓުވުމަށްޓަކައި ކޯސްޓްގާޑުގެ ދައުރު މިހާރަށްވުރެ ފުޅާކޮށް ހަރުދަނާކުރުން މުހިއްމު ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެއް ކަމަށާއި ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ކޯސްޓް ގާޑުން ވަނީ 64 މަސް ބޯޓެއް ހިފަހައްޓާފައި ކަމަށެވެ.

ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމަށް ދިވެހި ސިފައިން މިހާރު ވެސް އަންނަނީ ވަރަށް ބޮޑު، ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިއުމާއެކު ކޯސްޓްގާޑުގެ ޒިންމާ އެތައް ގުނައަކަށް އިތުރުވެއްޖެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.