ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން އިއްޔެ ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލްގެ ހަމަލާތައް ކުށްވެރިކޮށް ނެރުނު ބަޔާނުގައި ފޮރިން މިނިސްޓްރީއިން ބުނީ އިސްރާއީލްގެ ސިފައިން އިއްޔެ ދިން ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން މަރުވެފައިވާ ކަމަށެވެ. އަދި އެތައް ބަޔަކަށް ކުދި އަނިޔާވެފައިވާ ކަމަށާއި އެކަން ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހަތިޔާރު ނެތް އާންމުންނަށް އިސްރާއީލް ސިފައިން ބާރުގެ ބޭނުން ކުރަމުންދިއުމަކީ ދިވެހި ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނީ މެދުއިރުމަތީގައި ސުލްހަ ދެމި އޮންނާނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ދެ ދައުލަތަށް ހިމެނޭ ގޮތަށް ބަހާލައި ފަލަސްތީނުގެ ވެރިރަށް ކަމުގައި އިރުމަތީ ގުދުސް ހަމަޖެއްސުމުން ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

އިސްރާއީލްއިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ތަކުރާރުކޮށް ހަމަލާދެމުން އަންނައިރު އެމީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުންވުމުގެ އިތުރުން އެތައް ރައްޔިތުންނެއް ވަނީ އެ ހަމަލާތަކުގައި މި ދުނިޔެ ދޫކޮށްފައެވެ.