މަސައްކަތުގެ މާހައުލުގައި އުނގެނުމާއި އުނގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ސްޓެލްކޯ އަށް 26 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރަނގަޅު އާއިލާއެއް ގާއިމްކުރެވެނީ ގޭތެރޭގައި އޮންނަ އެކުވެރިކަމާއި ހިތްހެޔޮކަމާއި އެކަކު އަނެކެކަށް ވެދެވޭ އެހީތެރިކަމުގެ މައްޗަށް ކަމަށާއި، މަސައްކަތު މާހައުލުން ވެސް ފެންނަންވީ މިފަދަ މާހައުލެއް ކަމަށެވެ.

ގޭތެރެ އާއި މަސައްކަތު މާހައުލުގައި އޮންނަ ގުޅުންތަކުން މިސާލު ނަންގަވައި ނައިބު ރައީސް ވިދާޅުވި ގޮތުގައި، ގައުމުގައި ހިދުމަތްތައް ދެވެނީ މިފަދަ ރޫހެއްގައި، އެކަކު އަނެކަކަށް އެހީތެރިވެދީގެންނެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ އަބަދު ވެސް ވިސްނުން ބަހައްޓަންވީ އަނެކާ އަށް އެއްޗެއް ކިޔައިދީ، ތިމާ އަށް ފަދައިން، ތިމާގެ ނަފްސަށް ތިމާ އެދޭ ގޮތަށް އަނެއް މީހާ އަށް ވެސް ކަންތައްތަކެއް ދަސްކޮށްދިނުމަށްޓަކައި އަބަދު ވެސް އެހީތެރިވެދޭ މީހެއްގެ ގޮތުގަ، އެ ރޫހުގަ އަޅުގަނޑުމެން މަސައްކަތްކުރާ ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް އަބަދު ވެސް އޮންނާނީ ހިތްހަމަޖެހޭ ފަދަ މާހައުލެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

"[އޭރުން] ރައްޔިތުން ގަބޫލުކުރާ ފަދަ، ރައްޔިތުން އެންމެ އެދޭ ފަދަ ހިދުމަތްތަކެއް އަޅުގަނޑުމެނަށް ދެވިގެން ދާނެ،"

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކިތަންމެ ވަސީލަތްތައް ގައުމެއްގައި ގިނަ ނަމަވެސް، އެކުވެރިކަމާއި ހިތްހެޔޮކަމާއި ހަމަޖެހުން ނެތް ގައުމެއް ކުރި އަރައި ނުދާނެ ކަން ފާހަގަކުރެއްވިއެވެ. އެކަމަކު ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، އެ ގައުމެއް ކުރިއަރައި ދާނެ ކަމަށާއި، އެފަދަ ގައުމުތައް މިހާރު ވެސް ފެންނަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ނައިބު ރައީސް ވަނީ ސްޓެލްކޯގެ ހިދުމަތްތަކަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ 26 އަހަރުގައި ސްޓެލްކޯ އިން ވަނީ ރާއްޖޭގެ ކަރަންޓުގެ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައި ކަމަށެވެ.