މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކުން އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓްގެ ގޮތުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބަލައި ނުގަންނާނެ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނީ އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިން ޗެކް-އިން ކުރުމުގެ އިތުރުން ސެކިއުރިޓީ ޗެކް ޕޮއިންޓް ތަކުން، ކާކުކަން ދެނެގަތުމަށްޓަކައި މުއްދަތު ހަމަނުވާ ލިޔެކިޔުންތަކުގެ ތެރެއިން ލިޔުމެއް ބޭނުންވާނެ ކަމަށެވެ.

ވައިގެ ބަނދަރުތަކުން އެތެރޭގެ އުދުހުންތަކުގައި ގަބޫލު ކުރާ ލިޔުންތައް:

  • ޕާސްޕޯޓް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް
  • ވާކް ވިސާ ކާޑް / ޑިޖިޓަލް ވާކް ވިސާ
  • ލައިސަންސް ކާޑް / ޑިޖިޓަލް ލައިސަންސް

ޑިފެންސް މިނިސްޓްރީއިން އިތުރަށް ބުނީ، އެ ލިޔެކިޔުންތަކުގެ އިތުރުން ޑިޖިޓަލް އައިޑީ ކާޑާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑް ނަންބަރު ޖެހި ރަސްމީ ލިޔުން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އުމުރުން 3 މަސް ނުވާ ކުޑަ ކުއްޖެއްނަމަ ފޫޅުމައި ފޯމް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް އެތެރޭ އުދުހުންތަކުގައި ބޭނުންކުރެވޭނެ ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ޑިފެންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައިގާ ގޮތުގެ މަތިން އެތެރޭގެ އުދުހުންތަކުގައި ފުރަންދާ ފަސިންޖަރުން ޗެކިން ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އެއާޕޯޓުގެ ޗެކިން ކައުންޓަރުތަކުން ވެސް ބަލައިގަންނާނެ ކަމަށް ވެލާނާ އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓު ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ ބުނެފައެވެ.