ރައްޔިތުންގެ މަޖިލީހުގައި ހުރި ރައްޔިތުންނާ ގުޅުންހުރި މުހިންމު މަސައްކަތްތައް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ދަންމާލުމަށް މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް މައްސަލަ އާއި އެކު މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާނުލެވި މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މަޖިލީހުގެ ދައުރު ދަންމާލުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް ތާއިދުކުރައްވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ގިނަ މައްސަލަތައް ނުނިމި ހުއްޓާ މަޖިލިސް ޗުއްޓީ އަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ މަޖިލީހަށް މުހިންމު ބިލްތަކާ ކޮމިޓީ މަސައްކަތްތައް ހުށަހެޅިފައި އޮތް އިރު، ގައުމުތަކުގެ ސަފީރުންނާ އެކިއެކި މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ކަންކަން ވެސް މަޖިލީހުގައި ކުރަން ހުރި ކަމަށެވެ.

މަޖިލީހުގެ ދައުރު ދަންމާލުމަށް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ތާއިދުކުރައްވާފައިވާއިރު، މެންބަރުންވަނީ އެކަމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ގޮތެއް ނުނިންމައިފިނަމަ، އެ ވާނީ މަޖިލީހުގެ ރިޔާސަތުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާ މަސައްކަތެއްކަމަށް މެންބަރުންވަނީ ފާހަގަކޮށްފައެވެ.