އެހެން މީހެއްގެ އެހީއަކާ ނުލާ ލޯފަން މީހުންނަށް ވޯޓު ލެވޭނެ ގޮތް ހެދުމަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް، ކޮމިޓީން ފާސްކުރި ގޮތަށް އެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި އެ ބިލުގައި ވަނީ، ލޯފަން މީހުން ވޯޓުލާއިރު، އެ ކަމަށް ހާއްސަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގޮވާލައިފައެވެ. އޭގެ އިތުރުން އެ ބިލުގައި ވަނީ، ލޯފަން މީހުން ވޯޓުލާން ބޭނުންކުރާ ޓެމްޕްލޭޓް ހުންނަން ޖެހޭނެ ގޮތާއި، އެ ބޭނުންކޮށްގެން ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ގޮތް ވެސް ހިމަނައިފައެވެ.

ބިލުގައިވާ ގޮތުން، ލޯފަން މީހުން ވޯޓުލާން ބޭނުންކުރާ ޓެމްޕްލޭޓު ހުންނަން ވާނީ އޭގެ ތެރެއަށް ވޯޓު ކަރުދާސް ލުމުން، އެ ނުގުޑާނެ ފަދަ ގޮތަކަށް ކޮންމެ ކެންޑިޑޭޓެއްގެ ނަންބަރު އެނގޭނެ ފަދަ ގޮތަކަށް ޓެކްޓައިލްކޮށްފައެވެ. ހަމަ އެއާއެކު، އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ޓެމްޕްލޭޓުގައި ކެނޑުމެއް ހުންނަން ޖެހޭ ކަމަށް ވެސް އެ ބިލުގައި ވެއެވެ.

އެ ބިލުގެ އިތުރުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި ބިލު ވެސް ވަނީ ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.