ރަޝިއާ އާ ދެކޮޅަށް ޔޫކްރައިން އިން ފަށާފައި ވާ ރައްދު ހަމަލާ ތަކުގައި ޒެޕްރޯޒިއާގެ ވިލެޖެއް ކަމަށް ވާ ޕިއާޓިކަޓްކީ ޔޫކްރައިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

މިއީ ރައްދު ހަމަލާތައް ފެށިފަހުން ޔޫކްރައިން އިން އަތުލި 5 ވަނަ ވިލެޖަށް ވާއިރު، އަތުލި ވިލެޖްގެ އިދާރީ ބާރުތައް ޔޫކްރައިނުން ނަގާފައި ވާ ކަމަށް އެސަރަހައްދަށް ރަޝިއާއިން ކަނޑައަޅާފައި ހުންނަވާ އެންވޯއީ ވަނީ ވިދާޅުވެފައެވެ.

މިހާރުވެސް ޒެފްރޯޒިއާގެ ދެބައިކުޅަ އެއްބައި ރަޝިއާއިން ކޮންޓްރޯލް ކުރަމުން ދާ އިރު އަނެއްބައިގެ ކޮންޓްރޯލް އޮތީ ޔޫކްރައިން އަށެވެ.

އެސަރަހައްދަށް ކަނޑައަޅާފައިވާ މަންދޫބު ވްލަޑިމިއާ ރޮގޯވް ވިދާޅުވީ، ޔޫކްރައިނުން އެ ވިލެޖް ހިފާފައި ވީ ނަމަވެސް ރަޝިއާގެ ފައުޖުތައް ތަރުތީބުވެ ހަމަލާ ދެމުން ދާ ކަމަށާއި، ބޮޑުބަޑިއާއި އެހެނިގެން ވަސީލަތްތައް ބޭނުން ކުރަމުން ދާ ކަމަށެވެ.

މި ކާމިޔާބީ އާ ގުޅޭ ގޮތުން ޔޫކްރައިން އިން އަދިއ ެއްޗެއް ބުނެފައި ނުވާ އިރު އިނގިރޭސި އިންޓެލިޖަންސް އިން ބުނެފައި ވަނީ، ޔޫކްރައިން މަޑުމަޑުން ކުރިއަށް ޖެހޭ ކަމަށާއި ނަމަވެސް ރަޝިއާގެ ދިފާއީ ރޭވުމާއި ހަމަލާތައް މާ ތަރުތީބު ކަމަށެވެ. އަދި ޒެފްރޯޒިއާގެ އިތުރުން ބަކްމޫތާއި ޑޮނެސްކް ސަރަހައްދުގައި ވެސް ހަމަލާ ބަދަލުކުރަމުން ދާ ކަމަށާއި ނަމަވެސް ޔޫކްރައިން ގެ ފައުޖުތަކަށް އަދި ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

ޔޫކްރައިންގެ އޮޑެސާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން ސެރްހީ ބުރަޗުކް ވިދާޅުވީ ހާސަން އާ ކައިރީގައި އޮންނަ ބަނދަރުމަތީ ސިޓީއެއް ކަމަށް ވާ ހެނިޗެސްކް ގައި ރަޝިއާ އިން ގޮވާތަކެތި ޖަމާކޮށްފައި ހުރި ގުދަނެއް ގޮއްވާލެވިފައި ވާ ކަމަށެވެ.

ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރަމުން ރަޝިއާއިން ބުނެފައި ވަނީ، 3 ސަރަހައްދަކުން ޔޫކްރައިންގެ ފައުޖުތައް ހުއްޓުވާފައި ވާ ކަމަށާއި ޔޫކްރައިން އަށް އަދި އިތުރު އެއްވެސް ސަރަހައްދެއްގެ ކޮންޓްރޯލް ނުނެގޭ ކަމަށެވެ. ނަމަވެސް ސީދާ ޕިއާޓިކަޓްކީ ގެ ވާހަކައެއް ބުނެފައެއް ނުވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ރަޝިއާއިން ވައިގެ ހަމަލާތަކުގެ 43 ހަމަލާ ދިން އިރު 4 މިސައިލާއި 51 ރޮކެޓް ބޭނުން ކުރި ކަމަށް ޔޫކްރައިން ގެ އޮފިޝަލުން ބުނެއެވެ. އަދި ރަޝިއާއިން އެންމް ވަރުދަގަ ދިފާއެއް ބިނާކޮށްގެން ތިބީ، ބަކްމޫތް، އަވްދިވްކާ، މަރިންކާ، ލީމަން އަދި ޑޮނެސްކް ސަރަހައްދުގައި ކަމަށް ވެސް ޔޫކްރައިނުން ބުނެއެވެ.

ހަނގުރާމައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، އަވްދިވްކާގައި ޔޫކްރައިން ސިފައިން ރަޝިއާ އާ ކުރިމަތިލަނީ ވަރުގަދަ ކަމާއި ބާރާ އެކުގައި ކަމަށާއި ޔޫކްރައިންގެ ފައުޖުތަކުގެ ހިއްވަރަށް ސާބަސް ދެއްވާ ކަމަށެވެ.

ނަމަވެސް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ، ހުޅަނގުގެ ހަތިޔާރު ހިފައިގެން ތިބުން ނޫން ގޮތެއް ޔޫކްރައިން އަށް ނެތް ކަމަށާއި ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

ޔޫކްރައިން ހަނގުރާމައިގައި ރަޝިއާ ސަރުކާރާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ކުރަމުން ދިޔަ ގައިދީންގެ ފައުޖު މިހާރު ވަނީ މައިދާން ދޫކޮށް އެމީހުންގެ ގެދޮރަށް ގޮސްފައެވެ. ހަތިޔާރު އެޅި ވެގްނާ ގްރޫޕުގެ ބޮސް ޔެވްގިނީ ޕްރިގޯޒިން ބުނެފައި ވަނީ، ހަނގުރާމައިގައި މަރު ނުވެއްޖެ ނަމަ، މާފު ލިބޭނެ ކަމުގެ ޔަގީން ކަމާއެކު 50،000 ގައިދީން ހަނގުރާމައަށް ނެރުނު ކަމަށާއި، އޭގެ ތެރެއިން 10،000 މީހުން މަރުވެފައި ވާ އިރު 32،000 މީހުން އަނަބުރާ ގެދޮރަށް ގޮސްފައި ވާ ކަމަށެވެ.