ހުއްދަ ހޯދަން ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން އީސީގައި ތިބުމުންވެސް ހުއްދަ ނުލިބިގެން ދަ ޑިމޮކްރެޓްސް ޖަގަހައަަށް ހިނގައްޖެއެވެ.

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވީ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ކޮންމެ ދިވެހި ރައްޔިތަކަށް ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ލިބިދީފައިވާ ކަމަށާއި ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުން ވަނީ އެއްވެ އުޅުމުގެ ހައްގު، އިންތިޒާމު ވެގެން ހިންގޭ ހަރަކާތެއްގެ ގޮތުގައި ހިންގަން ކަމަށެވެ.

މިއަދު ޑިމޮކްރެޓްސްއިން އީސީއަށް ދިއުމުން ސާފުވީ ހުށަހެޅި ފޯމުތަކުގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް ހުއްދަ ނުދީ ހިފެހެއްޓޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި ހުރިހާ ފޯމެއް ހުރީ އެ ބޭފުޅުންނަށް [އީސީއަަށް] ވެރިފިކޭޝަން ނިންމިފައި ކަމަށް ޝިއްޕެ ވިދާޅުވިއެވެ.

ޝިއްޕެ ވިދާޅުވީ އީސީގައި ބައެއް ނުފޫޒު ގަދަ ބޭބޭފުޅުން ތިއްބެވި ކަމަށާއި ވަރަށް ވަރުގަދަ ވަޒީރެއްގެ ޅިޔަނެއް އަދި އަނެއް ވަޒީރެއްގެ ރައްޓެހި އައިޓީ ކަންތަކަށް މޮޅު ބޭފުޅެއް އުޅުއްވާ ކަމަށެވެ.

އަދި މިރޭ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށް އީސީގެ ރައީސް ފުވާދު ތައުފީގާ ހަވާލާދެއްވައި ޑިމޮކްރެޓުސް ރަޖިސްޓްރީ ކުރަން ހުށަހެޅުއްވި ހަސަން ލަތީފު ވިދާޅުވިއެވެ. ނަމަވެސް އީސީގެ 2 މެންބަރެއްގެ އެއްބާރުލުން އެކަމަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ޑިމޮކްރެސް އަށް ހުއްދަ ދިނުމާ ގުޅޭގޮތުން މިރޭގެ ޖަލްސާގައި ބައިވެރިވި ހަތަރު މެންބަރުންގެ ތެރެއިން ވޯޓު ދެއްވާފައި ވަނީ ދެ މެންބަރުން ކަމަށާއި އެއްވަރު ވުމުން ފާސްނުވާނެ ކަމަށް [އީސީ ގާނޫނުގައި] އޮންނަ ކަމަށެވެ. އަދި ފުވާދު މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ދަށުން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ ގާނޫނުން ދީފައިވާ ފުރުސަތުގެ ދަށުން އެ ބޭފުޅުން 3 މަސް ދުވަހުގެ ކުރިން ހުއްދަ ދޭން ބޭނުން ނުވާ ކަމަށެވެ.

މިއަދު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޕާޓީ ރަޖިސްޓްރީ ލިބުން ލަސްވަނީ އެހެންޏާ އެ ކުރާ ޗެކުތަކުގެ އިތުރުން އެހެން ގޮތަކަށް ބަލަން ބޭނުންވެގެން ކަމަށެވެ. އަދި އާ ގޮތެއް މި ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމުން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ ކަން ކުށްވެރިކުރާ ކަމުގައެވެ.

ޕާޓީ އުފައްދަން ދަތިތަކެއް ކުރިމަތި ކުރާކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ ދަތި ކުރިނަމަވެސް ޕާޓީއިން ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޕާޓީ އުފައްދަން 3000 ފޯމް ހުށަހެޅި ރޭގެ ކުރީ ރޭ 11:53 ގައި ކުއްލިއަކަށް ގަވައިދު ބަދަލުކޮށް އިތުރު ކަންކަން ހިމަނަން ހުށަހަޅާފައި އޮތް ކަން ހަސަން ވިދާޅުވިއެވެ.

3000 ސައްހަ ފޯމް ހުށަހަޅާފައިވާ ކަމަށް އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެފައިވާ ކަމަށާއި އީސީގެ ރައީސް އަދި ނައިބު ރައީސް އިސްމާއިލް ހަބީބް، ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ ޕާޓީ އުފައްދަން ހުއްދަ ލިބެންދެން އީސީގައި މިރޭ ތިއްބަވާނެ ކަމަށް ވިދާޅުވި ނަމަވެސް 5 ގަޑިއިރެއްހާއިރު ތިބުމަށް ފަހު މެންބަރުން ވަނީ ޕާޓީ ޖަގަހައަަށް ގޮސްފައެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް 3560 ފޯމް ހުށަހަޅާއިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެެ.