ޔޫކްރައިން އާއި ރަޝިއާ ސުލްހަ ކުރުމުގެ މިޝަނެއްގައި ދެގައުމަށް ވަޑައިގެން އުޅުއްވާ އެފްރިކާ ބައްރުގެ 7 ގައުމުގެ އިސްވެރިން މިހާރު ރަޝިއާ އަށް ވަޑައިގެންފައި ވާ އިރު، ޔޫކްރައިންގެ ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ދެކުނު އެފްރިކާގެ ރައީސް، ރަޝިއާގެ ރައީސަށް ދަންނަވައިފިއެވެ.

ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމޕޯސާ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާ ބައްދަލުކުރައްވައި ވިދާޅުވީ، އެ ހަނގުރާމައިގެ ސަބަބުން އެފްރިކާ ބައްރަށް ނުރަނގަޅު އަސަރުތަކެއް ކުރައްމުން ދާ ކަމަށާއި ހަނަގުރާމަ ހުއްޓާލަން ޖެހޭ ކަމަށެވެ.

އެފްރިކާގެ ގައުމުތަކުން ވަނީ ރަޝިއާ އާއި ޔޫކްރައިން ސުލްހަ ކުރުމަށް 10 ނުކުތާނެ ޕްލޭނެއް ހުށަހަޅާފައެވެ. އެ ނުކުތާތަކުގެ ތަފްސީލުތައް އޭނާ ދެއްވާފައި ނުވި ނަމަވެސް ވިދާޅުވީ، މަޝްވަރާގެ ރިވެތި އުސޫލުން އަދި ސިޔާސީ ގޮތުން ހުއްޓެން ޖެހޭނެ ކަމަށެވެ.

"އެފްރިކާއަށް ނޭދެވޭ އަސަރު ކުރާ ގޮތަށް ދުނިޔޭގެ އެތައް ގައުމަކަށް ވެސް މި ހަނގުރާމައިގެ ނޭދެވޭ އަސަރު ކުރާނެ"
ރަމަޕޯސާ

އެފްރިކާގެ ލީޑަރުންނާ އެކު ޕުޓިން ބޭއްވެވި ބައްދަލު ވުމުގައި އޭނާ ވަނީ އެފްރިކާގެ ލީޑަރުންގެ ވާހަކަ ހުއްޓުވައި އެ ލީޑަރުންގެ ގިނަ ހުށަހެޅުއްވުންތަކަކީ ވަކި މިސްރާބަކަށް އޮތް ހުށަހެޅުންތަކެއް ކަމަށް ވިދާޅުވެ، ރަޝިއާއިން ޔޫކްރައިން އަށް އަރަން ޖެހުނު ސަބަބު ހާމަކޮށްދެއްވަން މަސައްކަތް ކުރައްވާފައެވެ.

ޕުޓިން ވިދާޅުވީ، އެ ހަނގުރާމަ އަށް މަގުފަހި ކުރީ ނުވަތަ ފެށީ ޔޫކްރައިން އާއި ހުޅަނގުން ކަމަށާއި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރައިނުން ވަނީ ރަޝިއާ ބޯޑަރަށް ސިފައިން ޖަމާކޮށްފައި ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް އިރެއްގައި ޔޫކްރައިން އާ މަޝްވަރާ ކުރަން ދެކޮޅު ހައްދަވާފައި ނުވާ ކަމަށާއި އެކަން ކުރަން ބޭނުން ނުވީ ޔޫކްރައިންގެ ވެރިން ކަމަށް ވެސް ވިދާޅުވެފައެވެ.

ޕުޓިން އިތުރަށް ވިދާޅުވީ، ޔޫކްރައިން މައްސަލައިގައި އެފްރިކާއިން ގެންގުޅޭ މެދުމިނުގެ ސިޔާސަތަކަށް މަރުހަބާ ވިދާޅުވާ ކަމަށާއި، ރަޝިއާ އަބަދުވެސް އޮންނާނީ، ސުލްހައިގެ މަގުގައި ބިނާ ކުރަނިވި މަޝްވަރާތަކަށް މަރުހަބާ ކިޔާ ގައުމެއްގެ ގޮތުގައި ކަމަށެވެ.

ރަޝިއާއަށް ވަޑައިގެންނެވި އެފްރިކާގެ ވަފްދުގައި މިސްރާއި، ކޮންގޯ، ސެނެގާލް، ޒެމްބިއާ، ޔުގެންޑާ އަދި ކޮމޮރޯސް ގެ ބޭފުޅުން ހިމެނެއެވެ.

މި ވެރިން ހުކުރު ދުވަހު ތިއްބެވީ ޔޫކްރައިންގައެވެ. އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އާ އެކު ބޭއްވެވި ބައްދަލުވުމުގައި އެލެންސްކީ ވިދާޅުވީ، ސުލްހައިގެ ވާހަކައަށް ދެވޭނީ، ރަޝިއާއިން ހިފި ސަރަހައްދުތަކުން އެގައުމު ފޭބުމުން ކަމަށެވެ. އަދި އިތުބާރު އުފެއްދުމަށްޓަކައި ރަޝިއާއިން ހިފަހައްޓާފައި ވާ ހަނގުރާމައިގެ އަސީރުން ދޫކޮށްލަދޭން ޕުޓިން އަށް ދެނެންވުމަށް ވެސް ޒެލެންސްކީ ވަނީ އެފްރިކާގެ ލީޑަރުންގެ ގިބައިން އެދިވަޑައިގެންފައެވެ.

"އަހަރެމެން މިއައީ، ކަލޭމެންގެ ރަޝިއާގެ ރައްޔިތުންގެ އަޑުއަހަން، އަހަރެމެން ބޭނުންވަނީ، ކަލޭމެން ޔޫކްރައިން އާ މަޝްވަރާ އަށް ދާން" އެފްރިކަން ޔޫނިއަންގެ މިއަދުރުގެ ޗެއާ، ކޮމޮރޯސްގެ ރައީސް އަޒާލީ އައްސޯމަނީ ވިދާޅުވިއެވެ.

ޔޫކްރައިން މައްސަލައިގައި އެފްރިކާވެސް ވަނީ ދެބައިވެފައެވެ. އެއްބަޔަކު ޔޫކްރައިން ކޮޅަށް ތިބި އިރު އަނެއްބަޔަކު ތިބީ ވަކި ކޮޅަކަށް ނުޖެހިއެވެ.