ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ސީޝެލްސް އަށް ފުރާވަޑައިގެންފިއެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް ރާއްޖެއިން ރަސްމީގޮތުން މަރުހަބާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ވަނީ ސީޝޭލްސްގެ ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ދެގައުމުގެ ލީޑަރުން ބައްދަލުކުރައްވައި ދެގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވުމާއި ދެގައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ އިތުރުން ދެ ގައުމުގެ ލީޑަރުން ވަނީ މީޑިޔާއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

މީގެއިތުރަށް ރައީސްގެ އަނބިކަނބަލުން އަދި ސީޝެލްސްގެ ރައީސްގެ އަނބިކަނބަލުން، ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރެއްވެވިއެވެ. އަދި ސީޝެލްސްގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ރައީސްގެ ދެ ކަނބަނލުން ވަނީ މެންދުރުގެ ފަރިއްކޮޅެއް ދެއްވާފައެވެ.

މި ދަރުފުޅުގެ ނިމުން ފާހަގަކޮށް ދެގައުމު ގުޅިގެން، ޖޮއިންޓް ކޮމިއުނިކޭއެއް ނެރެފައިވާއިރު ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ކުރިޔަށްގެންދިއުމަށާއި ދެ ގައުމަށް ވެސް ފައިދާހުރި ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަން ފާހަގަކުރެއްވެވިއެވެ.