ތ. ގުރައިދޫ ސިއްހީ މަރުކަރުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޯސްޓަލް އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން ގުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތްތައް ކުރުން ހިމެނޭ ކަމަށެވެ.
މި މަޝްރޫއަށް 3.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު މި މަސައްކަތް ކޯސްޓަލް އިންޖިނިއަރިންއާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ތ. ގުރައިދޫގެ އިތުރުން ހެލްތު މިނިސްޓްރީން ވަނީ ނ. ޅޮހީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތްތައް ކުރުމަށް ކިލޯމީޓާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫއަށް 2.5މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފަށާފައެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަނަކަށް ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ގިނަ ރަށްތަކެއްގެ ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތާއި ބޭނުންވާ އިކުއިޕްމެންޓްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަމުން އަންނައިރު ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްގީ ކުރަމުންނެވެ.