ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހު ކަމަށެވެ. އަދި އެ ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެއްވައެވެ.
ނުރަސްމީ ދަތުރުފުޅެއްގައި އެންމެ ފަހުން ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ 20 ވަނަ ދުވަހެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 12 ދުވަހުގެ ސިންގަޕޫރަށް ވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް ރައީސް ސިންގަޕޫރަށް ވަޑައިގެންނެވި އިރު އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ވެސް އެ މަނިކުފާނުގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ރައީސް ސޯލިހު ވަނީ ރަސްމީ ދަތުރުފުޅެއްގައި ގަތަރުގެ ދޯހާ، ސާބިޔާ އަދި ޖަރުމަނަށް ވަޑައިގެންފައެވެ. އަދި މިދިޔަ މޭ މަހުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ ރަސްކަމުގެ ތަހުތުގައިވެޑުވުމުގެ އިނގިރޭސި ވިލާތަށްވެސް ރައީސް ސޯލިހު ވަޑައިގެންނެވިއެވެ.