މާލޭ ރަސްފަންނު ބޭރުން އޮޔާދަނިކޮށް ފުލުހުން ސަލާމަތް ކުރި ޒުވާނާއަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގެނބިގެން ފަރުވާދެމުންވދަނީ 24 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

މިއަދު ހަވީރެއް ހާއިރު ހިނގި މި ހާދިސާގައި ފެންމަތީގައި އޮޔާދިޔަ އެމީހާ ފުރަތަމަ ފެނިފައި ވަނީ ރަސްފަންނުގައި ތިބި ބަޔަކަށެވެ. އަދި އެއީ މަރުވެފައިވާ މީހެއް ކަމަށް ހީކޮށް ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ގޮސް ނެގި އިރު މަރު ނުވާކަން ވަނީ އެނގިފައެވެ.

އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރި ވަގުތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ވީޑިއޯއިން ފެންނަ ފެނުމަށް އޮޔާ ދިޔަ މީހާ ކޮންމެވެސް ވަރަކަށް އަތުން ހަރަކާތް ކުރާ ތަން ފެނެއެވެ. އަދި ފުލުހުން އޭނާ ސަލާމަތް ކޮށް އެއްގަމަށް އެރުވުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވިއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އޭނާ ސަލާމަތް ކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރި ޑިންގީ އަކަށް ނަގައެވެ. މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ މޫދުގައި އޮތް މީހަކު ނަގައިގެން އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށާއި އަދި އެއީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޮޔާ ދަނިކޮށް ސަލާމަތް ކުރި މީހާއަކީ ސީދާ ކާކުކަމެއް އަދި އޭނާ އޮޔާ ދާން މެދުވެރިވީ ސަބަބެއް މިހައިތަނަށް ސާފުވެފައެއް ނުވެއެވެ.