ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދިވެހި ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހް (މަންޑޭ) އަށް، އެ ކުންފުނީގެ އެކައުންޓް ބޭނުން ކުރެވޭ މައްސަލާގައި އެ ކުންފުނިން ބީއެމްއެލްއާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ.

ހަންބޯއިން ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ބީއެމްއެލްގައި މަމްދޫހު ހުޅުވާފައިވާ ރުފިޔާ އެކައުންޓް އަދި ޑޮލަރު އެކައުންޓުގެ ބޭންކް ސްޓޭޓްމަންޓެއް ހޯދުމަށް އެދި މިހާތަނަށް ބީއެމްއެލްއާ ދެމެދު ކުރެވުނު އެއްވެސް މުއާމަލާތަކަށް ބީއެމްއެލްގެ އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.

ބީއެމްއެލްގެ ފަރާތުން އެކައުންޓް ހުޅުވުމުގައި އަމަލުކޮށްފައިވާ ޣައިރު ޒިންމާދާރު އަމަލުތަކުގެ ސަބަބުންނާއި ބީއެމްއެލްގެ ސަމާލުކަމަށް މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު އެ މައްސަލަ ގެނައުމަށް ފަހުވެސް މަމްދޫހުއަށް އެ އެކައުންޓުތައް ބޭނުންކުރެވޭ ގޮތަށް އޮތްއޮތުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ ބީއެމްއެލްގެ މައްޗަށް ދައުވާކުރުމުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ދައުވާކުރުމަށްޓަކައި އެކައުންޓުތަކުގެ ބޭންކް ސްޓޭޓްމަންޓު ހޯދުމަށާއި އެކައުންޓުތައް ހުޅުވުމަށް މަމްދޫހު ފަރާތުން ބޭންކަށް ހުށަހެޅި ލިޔެކިޔުންތަކުގެ ކޮޕީ ހޯދުުމުގެ އަމުރަކަށް އެދި ހަމްބޯއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ފުރަތަމަ އަޑުއެހުން މި އަންނަ ހޯމަ ދުވަހުގެ 10:30 އަށް ވަނީ ތާވަލުކޮށްފައެވެ.

ހުޅުމާލެގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި ތަރައްގީ ކުރަމުން ދިޔަ ކޭ ޕާކް ރެޒިޑެންސް އަކީ އެންމެ އަވަހަށް ކޮންކްރީޓް ނިންމި އެއް އިމާރާތެވެ. ޖުމްލަ 110 އެޕާޓްމަންޓް ހުންނަ 14 ބުރީގެ އިމާރާތުގެ ކޮންކްރީޓް ނިންމާ، ފިނިޝިންގެ ބައެއް މަސައްކަތްތައް ނިންމަމުން ތަން ވިއްކަމުން ދިޔައީ މަމްދޫހުގެ ބެލުމުގެ ދަށުންނެވެ.

އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.