ގައުމީ ފެންވަރެއްގައި "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ރާއްޖޭގައި ފާހަގަކުރަން ފެށުމުން ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމެއްގައި މަސައްކަތުގެ މާހައުލަށް ބޭނުންވާ ޒުވާނުން ނެރުމަށް ބާރު އެޅިގެން ދިއުން ފަދަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ގައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ. މިކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފައި ވާއިރު ގައުމީ ފެންވަރެއްގައި މި ދުވަސް ފާހަގަކުރުމުން ލިބޭނެ ފައިދާތަކަށް ވަނީ އަލިއަޅުވާލާފައެވެ.

މި ގޮތުން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ޤައުމެއްގައި އަދި ވަކިން ހާއްސަކޮށް ތަފާތު ދާއިރާތަކަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ލިބުން ދަތި ގައުމެއްގައި މިފަދަ ކަންކަމަށް ޒުވާނުން ޝައުގުވެރިކުރުވައި މަސައްކަތުގެ މާހައުލަށް ބޭނުންވާ ޒުވާނުން ނެރުމަށް ބާރު އެޅިގެން ދާނެއެވެ.

ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 ވަނަ ދުވަސް "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރަމުން އަންނައިރު މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްގީކުރުމެވެ. އަދި އައު ހުނަރުތައް ދަސްކުރުމަށް ބާރުއަޅައި، ހުނަރުވެރި ގާބިލު ޒުވާނުން ވަޒީފާއަށް ނުކުންނަ ނިސްބަތް އިތުރުކުރުމެވެ.

އ.ދ.ގެ އާންމު މަޖިލީހުން ޑިސެންބަރު 18، 2014 ގައި ފާސްކުރި މި ގަރާރުގައިވަނީ މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި ހުނަރުވެރި ޒުވާނުން ނިސްބަތުން މަދުވެ، ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވަޒީފާ އަދާނުކުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން ބައިނަލްއަގްވާމީ ފެންވަރެއްގައި މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

މި ގަރާރުގައި އިތުރަށް ބުނެފައިވަނީ ޒުވާނުންގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް، އަދި އައު ހުނަރުތައް ދަސްކުރުމަށް ހިތްވަރުދީ އެ ކަންކަން ފާހަގަކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ މައިދާނުގަ އާއި ވަޒީފާގެ މައިދާނުގައި ޒުވާނުނަށް ގޮތް ނިންމުމުގެ ފުރުސަތު ލިބި މިހާރު އޮތް ވަޒީފާގެ ބާޒާރު ބަދަލުކުރުމުގެ ބާރުވެރިކަން ޒުވާނުންނަށް ލިބިގެންދާނެ ކަމަށެވެ.