ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމް ޕީއެންސީ ކޯލިޝަން އިން މިރޭ ކުރި އިހުތިޖާޖުގެ ތެރެއިން ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރު އާދަމް ޝަރީފް އުމަރު ހައްޔަރު ކޮށްފިއެވެ.

ޝަރީފް ހައްޔަރު ކުރުމާ ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނުގައި ތުހުމަތު ކޮށްފައި ވަނީ ރައީސް ޔާމީން ޖަލަށްލައިފައި ވަނީ ރައީސް ސޯލިހް އަންގަވައިގެން ކަމަށެވެ. އަދި ރައީސް ޔާމީނަށް ތަކުލީފުތަކެއް ކުރިމަތިކުރުވާ އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތަކާ ދެކޮޅު ހެދުމުގެ ގޮތުން ސުލްހަވެރި ކަމާއެކު އިހުތިޖާޖު ކުރަމުން ދާ އާންމު ރައްޔިތުން [ޕީޕީއެމް އަދި ޕީއެންސީ މެންބަރުން] ނަށް އަނިޔާވެރިވެ ހައްޔަރުކޮށް ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޕީޕީއެމްއިން ބުނީ އާދަމް ޝަރީފް ހައްޔަރުކޮށްފައި ވަނީ ސުލްހަވެރިކަމާއެކު އަޑުއުފުއްލަމުން ގެންދިޔަ އިހުތިޖާޖުގެ ތެރޭގައި ސުލްހަވެރިކަމާއެކު ހުންނަވަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކަމަށެވެ. މިރޭގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކޮށްފައިވާ އާދަމް ޝަރީފާއި އެހެނިހެން ބައިވެރިން އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ސިލްސިލާ ގޮތެއްގައި އިދިކޮޅުން ކުރިއަށްގެންދާ އިހްތިޖާޖުގެ ތެރެއިން މީގެ ކުރިންވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވާއިރު އޭގެތެރެއިން ބައެެއް މީހުންގެ ބަންދުގެ މުއްދަތު ވެސް ޖެހިއެވެ.

ދާދިފަހުން ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގައި އިދިކޮޅުގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހީމް ހައްޔަރުކޮށް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ. ނުހާގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ފުލުހެއްގެ އަތުގައި ދަތް އެޅިކަމުގެ ތުހުމަތުގައި ކަމަށް ވިޔަސް އެކަމަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް މިދިޔަ ބުދަ ދުވަހު ހައި ކޯޓުގައި ވަނީ ފަށާފައެވެ. އަދި ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެވެ.

މި މައްސަލަތައް މިހެން އޮތް ނަމަވެސް އިދިކޮޅުން ބުނަމުން ދަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމުގައެވެ. އެހެން ނަމަވެސް ރައީސް ޔާމީންއަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.