އިންތިގާލީ އިންސާފު އޮފީހުގެ އިންވެސްޓިގޭޓަރެއްގެ މަގާމުގައި ހުރި މުހައްމަދު އިބްރާހިމް މަސްތުގެ ހާލުގައި ހުއްޓާ މިއަދު ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ، މަސްތުގެ ހާލުގައި ހުރެ އޮފީހަށް ގޮސް، މުވައްޒަފުންނަށް އުނދަގޫ ކުރާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ފުލުހުން ބުނީ، ހިތަށްފިނިވާ މަގުން މަސްތުގެ ހާލުގައި ހުރިކަމަށް ބެލެވޭ 43 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މުހައްމަދު އިބްރާހިމްގެ ފަރާތުން ފުރައްސާރައާއި އުނދަގޫތައް ކުރިމަތިވާ ކަމަށް ބުނެ އެ އޮފީހުގެ މުވައްޒަފުން ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް އާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. ނަމަވެސް އަބްދުއްސަލާމް އާރިފް ވިދާޅުވާ ގޮތުގައި އެފަދަ ޝަކުވާއެއް ލިބިފައެއް ނުވެއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މުހައްމަދު އިބްރާހިމް ފުރައްސާރަ ކުރުމަށް މުވައްޒަފުންގެ ގަޔަށް އަތްލާން މަސައްކަތް ކޮށްފައި އެބަހުއްޓެވެ. ހަޑި ހުތުރު މެސެޖު ކުރުމާއި އޮފީސް މީޓީން ތަކުގައި ވެސް އަޑު ގަދަކޮށް ބިރު ދައްކާ މޭރުމުން ވާހަކަ ދައްކާ ކަމަށްވެސް ބުނެއެވެ.

އޭނާ އަކީ މީގެ ކުރިން ފުލުހަކަށް ވެސް އުޅެފައިވާ މީހަކަށް ވާއިރު މިހާތަަނަށް އެ އޮފީހުން އެއްވެސް ފިޔަވަޅެއް އަލާފައި ނުވަނީ އޭނާ އާއި ޗީފް އޮމްބަޑްސްޕާސަންއާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ތުހުމަތު ކުރެއެވެ.