އިކުއެޑޯގެ ސިޓީއެއް ކަމަށް ވާ ބޮބަހޮޔޯގައި އުމުރުން 76 އަހަރުގެ އަންހެނަކަށް ސްޓްރޯކެއް ޖެހި ފަރުވާ އަށް ގެންދިޔުމުން ޑޮކްޓަރުން ނިންމީ އޭނާ މަރުވީ ކަމަށެވެ.

ސަންދޯކަށް ލައި ތައްޔާރު ކޮށް ޖަނާޒާގެ ކަންކަން ބާއްވާ ސަރަހައްދަށް ގެންދަން ތައްޔާރު ކުރިއެވެ. އާއިލާގެ މީހުންނާއި ރައްޓެހިންވެސް އެއްވެ މަރުގެ ހިތާމައިގައި ބައިވެރިވަމުން ދިޔައެވެ.

ބަންދުކޮށްފައި އޮތް ސަންދޯކުގައި ބެއްލާ މޮންޓޮޔާ (76އ) އޮތް އިރު އޭނާ މަރުނުވާކަމެއް ނޭނގެއެވެ. ގާތްގަނޑަކަށް 5 ގަޑި އިރެއްހާ އިރު ފަހުން، އޭނާގެ ހެދުން ބަދަލު ކުރުމަށް ސަންދޯކުގެ މަތި ނެގުމާއެކު ފުން ނޭވާއެއް ލައި ބެއްލާ ތެދުވިއެވެ.

"މަންމަ މަރެއް ނުވޭ، ވާއަތް ހަރަކާތް ކުރޭ، މަންމަ މަސައްކަތް ކުރީ ލޯ ހުޅުވެތޯ، ނޭވާ ނުލެވިގެން ހާސްވެގެން އުޅުނީ" އޭނާގެ ދަރި ގިލްބާޓް ބަލްބެރާން މީޑިއާ ތަކަށް ކިޔައިދިނެވެ.

އޭރު އެތާ ކައިރިީގައި ހުރި މީހަކު ފޯނުން ކުރި ވީޑިއޯ އަކުން ފެންނަ ގޮތުގައި އަންހެން މީހާ ނޭވާ ނުލެވިގެން އުޅޭތީ ފެނެއެވެ.

ބެއްލާ ދިރި އޮތްކަން އެނގުމުން އެންމެން އަވަސް ވެ ގަތީ އެމްބިއުލާންސަށް ގުޅާށެވެ. ނަމަވެސް ނައިސް ލަސްވެގެން އެމަޖެންސީއަށް ގުޅުމުން ފަޔާ ފައިޓަރުން އައިސް ބެއްލާ ނަގައިގެން ސްޓްރެޗަރެއްގައި ވެހިކަލަށް އަރުވާ އަނެއްކާވެސް ގެންދިޔައީ އޭނާ މަރުވި ކަމަށް ޑޮކްޓަރުން ނިންމި ހޮސްޕިޓަލަށެވެ.

"މަންމަ މިހާރު އޮތީ އައިސީޔޫގައި، އެހެން ނަމަވެސް ޑޮކަޓަރުން ބުނި މަންމަ ރެސްޕޯންސް ކުރާ ކަމަށާއި މަންމަގެ އަތުގައި ވިކާލުމުން ވެސް އިހުސާސް ވާ ކަމަށް"

އެނާ އިތުރަށް ބުނީ، މަންމަ އަށް ސްޓްރޯކް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 9 ޖެހި އިރު ކަމަށާއި މަންމަ މަރުވެއްޖެ ކަމަށް ހޮސްޕިޓަލުން އެންގީ މެންދުރު ކަމަށެވެ. އަދި މަންމަ މަރުވި ކަމަށް ބުނެ ސެޓްފިކެޓް ވެސް ދީފައި ވާ ކަމަށާއި އޭގާއި ސަބަބަކަށް ބަޔާން ކޮށްފައި އޮތީ ސްޓްރޯކް ޖެހުމާ ގުޅިގެން ހިތް ހުއްޓިގެން ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން އިކުއެޑޯގެ ހެލްތް މިނިސްޓްރީން މިހާރު ވަނީ އެކަން ހިނގައި ދިޔަގޮތް ބަލަން ކޮމިޓީއެއް އެކުލަވާލައިފައެވެ.

މިއީ މި ގޮތަށް އިކްއެޑޯގައި މަރުވި ކަމަށް ނިންމި ފަހުން ދިރި ހުރިކަން އެނގުނު ފުރަތަމަ މީހާއެއް ނޫނެވެ. މީގެ ކުރިން މިއަހަރުގެ ފްބްރުއަރީ މަހު އުމުރުން 82 އަހަރުގެ މީހަކުވެސް މަރުވި ކަމަށް ނިންމާ ސަންދޯކުގައި އޮއްވާ ވަނީ ނޭވާލާން ފަށާފައެވެ.