މިރޭގެ ވަގުތެއްގައި ދަ ޑިމޮކްރެޓްސް ޖަގަހައިގައި ސަޕޯޓަރުންނާއި އެ ޕާޓީގެ ބައެއް ފަރާތްތަކުން ހަރަކާތްތެރި ވަމުން ދިޔަ ވަގުތެއްގައި ސައިކަލުގައި ދިޔަ ބަޔަކު އެ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ.

ކަޅުތެޔޮ ޖަހާފައި ވަނީ ދަ ޑިމޮކްރެޓްގެ ނަން ބޯޑަށް ކަމަށް މައުލޫމާތު ލިބޭ އިރު، އެތަނުގައި ހަރަކާތްތެރި ވަމުން ދިޔަ މީހުންގެ ގަޔަށް ވެސް ކަޅުތެޔޮ ބުރައިގެން ގޮސްފައި ހުއްޓެވެ. އޭގެތެރޭގައި މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްގެ ގަޔަށް ވެސް ކަޅު ތެޔޮ ބުރާފައިވާ މަންޒަރު ފެންނަ ފޮޓޯތައް އަންނަނީ އާންމު ވަމުންނެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ގަޔަށް ވެސް ކަޅު ތެޔޮ ބުރާފައި

ކަޅުތެޔޮ ޖެހި ޑިމޮކްރެޓްގެ ޖަގަހައަކީ އާޓިފިޝަލް ބީޗް ކުރިމައްޗަށް ވާ ގޮތަށް ހުންނަ ހ. ވެޔިވިލާ ގޭގައި ހަދާފައިވާ ޖަގަހައެވެ. އެ ސަރަހއްދުގައި ހަރަކާތްތެރި ވަމުން އަންނަ ދަ ޑިމޮކްރެޓްސްގެ ސަޕޯޓަރުން ބުނާ ގޮތުގައި މިއީ އެމްޑީޕީގެ ހަޑި މުޑުދާރު އަމަލެކެވެ.

ދަ ޑިްމޮކްރެޓްސްގެ ޖަގަހައަކީ މީގެ ކުރިން އެމްޑީޕީ ހަރުގެއެއްގެ ގޮތުގައި ބޭނުން ކުރި ތަނެވެ.

އެމްޑީޕީން ބޭނުން ކުރި އެ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކު ހަދާފައި ވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އައި ތަނެއް ކަމުން އެތަން ހުސްކުރަން ގޭ ވެރިފަރާތުން އެންގުމުން އެމްޑީޕީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ކަން މިހެން އޮއްވާ އެމްޑީޕީން އިން ވަކިވި މެންބަރުން އެކުވެގެން އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ތަޅު ހަލާކުކޮށްލައިގެން އެ ހަރުގެއަށް ވަދެފައެވެ. އަދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެގޮތަށް އަމަލު ކުރުމުން އެމްޑިޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއާއެކު އެމްޑީޕިން ވަނީ އެ ހަރުގެ އަތުލުން ހުއްޓުވުމަށް ސިވިލް ކޯޓުގައި އަމުރަކަށް އެދިފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ކޯޓު އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފައި ވެއެވެ.

ހަރުގެ އިމާރާތުގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ބުނެފައި ވަނީ، އެތަން ހުސްކުރަން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު އެމްޑީޕީއަށް ނޯޓިސް ދިނީ އެ ޕާޓީގެ ވެރިންނާ ވާހަކަދައްކާތާ ދުވަސްތަކެއްވީ ފަހުން ކަމަށެވެ. އަދި އެ ނޯޓިސްގެ ޖަވާބު އެމްޑީޕީއިން ފޮނުވީ 26 އޭޕްރީލްގައި ކަމަށާއި އެ ސިޓީގައި ބުނެފައި ވަނީ އަދި އެތަނުގައި މަޑުކުރަން ބޭނުންވާ ކަމަށާއި ޖުލައި 31 އަށް އެތަން ހުސްކޮށް ދޭނެ ކަމަށެވެ.

ޝަފިއްޔާ ބުނީ އެމްޑީޕީއާއެކު އޮކްޓޯބަރު 2019 ގައި އެއްބަސްވުމެއް ހެދިފަހުން މުއްދަތު އިތުރުކުރަން ވެސް އެ ޕާޓީއިން އިތުރަށް އެދިފައި ނުވާ ކަމަށާއި އޭރު ހެދި އެއްބަސްވުމުގައި، އެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އިތުރު ނޯޓިސްއެއް ދިނުމަކާ ނުލާ ވެރިފަރާތަށް އެތަން ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.