އެސްޓީއޯއިން ކުރިއަށް ގެންދިޔަ "ހެއްޔާ މަކިޓާ މުބާރާތް 2022" ގެ ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލު ކޮށްފިއެވެ.

މި މުބާރާތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯއިން މިދިޔަ އަހަރު ކުރިޔަށްގެންދިޔަ މުބާރާތެކެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައި ވަނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހަފްލާއެއް ގައެވެ.

މި މުބާރާތުގެ އެއްވަނަ ހާސިލްކޮށް 50،000 ރުފިޔާގެ އަގު ހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ ހޯދާފައި ވަނީ ހަސަން ޝާހިދުއެވެ. އޭނާ ތައްޔާރުކޮށްފައި ވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ.

ދެވަނަ ހޯދާފައި ވަނީ އުނދޯއްޔެއް ތައްޔާރު ކުރި އަހުމަދު ހުސައިން މަނިކަށް އިނާމްގެ ގޮތުގައި ދީފައި ވަނީ 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާއެކެވެ.

ތިންވަނަ ހޯދި ފަރާތަށް 15،000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗާ އެއް ދިފައިވާ އިރު، އެ ވަނަ ހާސިލް ކޮށްފައި ވަނީ މުހައްމަދު ރަޝީދުއެވެ. މަކިޓާ ޓޫލްސް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރީ ޑްރެސިން ޓޭބަލްއެކެވެ.

އެސްޓީއޯ އިން ބުނީ، މި މުބާރާތުގެ ވަނަތައް ހޮވާފައި ވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާއްމުންގެ 20 އިންސައްތަ އަދި ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެންނެވެ.