ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ތަމްސީލު ކުރާ ހައިސިއްޔަތަށް އައި ބަދަލާ އެކު ޑެޑްލޮކްވެ ކުރިއަށް ނުދާ ކަމަށް ވާހަކަ ދެކޭ ވަގުތެއްގައި، ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށް އެދިވަޑައިގަތީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަމަށް އަމީންއާންމު ފާތުމަތު ނިޔުޝާ ވިދާޅުވެއްޖެއެވެ.

އޭނާ ސޮއިކުރައްވާ އާންމު ކުރައްވާފައިވާ 3 ސޮފްހާގެ ސިޓީގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ ނިސްބަތަށް އައި ބަދަލުގެ ސަބަބުން، މަޖިލީހުން ފާސްކޮށްފައި އޮތް އުސޫލާ އެއްގޮތަށް ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށް މޭ 23، 2023 ގައި ވޯޓަށް އެހަން ނިންމާފައި ވަނިކޮށް ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އެދިވަޑައިގެންނެވި ކަމަށެވެ.

އެއާއެކު ވޯޓަށް އެހުން ފަސްކޮށް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުންގެ މަޝްވަރާ ކޮށްގެން އަލުން އެ ނިސްބަތް ކަނޑައެޅުމަށް ރިޔާސަތުން ނިންމެވި ކަމަށެވެ. އަދި އެކަން ކުރެއްވީ، މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ ދަށުން ކަަމަށް ވެސް ބުނެފައި ވެއެވެ.

އަސްލަމް ފޮނުއްވި ސިޓީއާ ގުޅިގެން އަމީން އާންމު ދެއްވި ޖަވާބުގައި އިތުރަށް ބުނެފައި ވަނީ، މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވަކި ނުކޮށް މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އަސްލަމް ވިދާޅުވެފައި ވީ ނަމަވެސް، އެހާލަތު އަންނަނީ، އީވާ ވަކި ކުރާ ގަރާރުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ޖަލްސާ އަށް އެގަރާރު ހުށަހަޅުމަށް ފަހުގައި ކަމަށެވެ. އަދި އެވާހަކަ މަޖިލީހުގެ ގަވައިދުގެ 206 ވަނަ މާއްދާއަށް ރިޔާއަތް ކޮށް އެގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައި ވާ ކަމަށާއި ވަކި ކުރާ މެންބަރާއި މަޖިލީހުގެ މެންބަރުންނަށް ފޮނުވާފައި ވީ ނަމަވެސް އެ މައްސަލަ މަޖިލީހުގެ ޖަލްސާ އަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.

މަޖިލީސް ހުއްޓުމަކަށް ގެނައުމުގައި އަމީންއާންމު ބައިވެރިވެވަޑައިގަންނަވާ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައި ކަން ހިނގާފައި ވާ ގޮތް ސާފުކޮށް ދެއްވާ އާމީންއާންމު އަސްލަމަށް ޖަވާބު ދެއްވީ، ކޮމިޓީތައް އެކުލަވާލެވިފައި ނުވާތީ، އީވާގެ މައްސަލަ މަޑުޖައްސާލި މައްސަލަގައި އަސްލަމް ސިޓީއެއް ފޮނުއްވާފައި ވާތީއެވެ.