މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު މިރޭ ކުޅޭ އިރު މިރޭގެ ފައިނަލްގައި ފެނިގެންދާނީ އިންގްލޭންޑްގެ މެންޗެސްޓާ ސިޓީއާއި އިޓަލީގެ އިންޓާ މިލާނެއެވެ.

ތުރުކީގެ އިސްތަންބޫލްގައި ކުޅޭ މި ސީޒަންގެ ފައިނަލްގައި ވާދަ ކުރާ މި ދެ ޓީމަކީ މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިލައިފައި ވާ 2 ޓީމެއް ނޫނެވެ.

މި ސީޒަންގައި ސިޓީން ވާދަކުރި ހަތަރު މުބާރާތުގެ ތެރެއިން ދެ މުބާރާތުގެ ތަށި އެޓީމުން އުފުލާލާފައިވާ އިރު މިރޭގެ ފައިނަލްގެ ކުރިން ސިޓީ އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ.

މިގޮތުން، ސިޓީން އެންމެ ފަހުން ކުޅުނު 26 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ދަތުރުކޮށްފައި މިވަނީ އެންމެ މެޗަކުން ވެސް ބަލި ނުވެ 12 މެޗުން މޮޅުވެގެންނެވެ. ސެމީ ފައިނަލްގައި ސިޓީ ވަނީ އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް ލަދުގަންނަވާލާފައެވެ.

ސިޓީގެ ހާލަންޑް މިވަނީ އެއް ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ޕްރިމިއާ ލީގުގެ ކުޅުންތެރިޔާއަށް ވެފައި/ފޮޓޯ: ސިޓީ

އެހެން ނަމަވެސް ސިޓީއަށް ދުވަހަކު ވެސް އަދި ޗެމްޕިއަންސް ލީގު ހޯދިފައެއް ނުވެއެވެ. މިރޭގެ މެޗަކީ އެޓީމުން ވާދަކުރާ ދެވަނަ ފައިނަލަށްވާ އިރު 2021 ވަނަ އަހަރުގެ ފައިނަލުން ސިޓީ ބަލިވީ ޗެލްސީ އަތުން 1-0 އިންނެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގު ސިޓީއަށް މިރޭ ކާމިޔާބުވެއްޖެނަމަ އެޓީމު ވަނީ އެއް ސީޒަނެއްގެ ތެރޭގައި ލީގު ތައްޓާއި، އެފް އޭ ކަޕް ތަށި އަދި ޗެމްޕިއަންސް ލީގު ތަށި ހޯދާ ދެވަނަ އިނގިރޭސި ޓީމަށެވެ. މިލިސްޓުގައި މިވަގުތު އޮތީ ސިޓީއާ އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑެވެ.

ސިޓީއާ ދެކޮޅަށް މިރޭ ނިކުންނަ އިންޓާ މިލާން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވަނީ ޗެމްޕިއަންސް ލީގު ހޯދާފައެވެ. އެޓީމުން އެންމެ ފަހުން މި ތަށި ހޯދާފައިވަނީ 2010 ވަނަ އަހަރު ކުރީގެ ކޯޗު ޖޯސޭ މަރީނިއޯގެ ބެލުމުގެ ދަށުންނެވެ.

މެޗަށް ފަހު އިންޓާ މިލާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އިންޓާ މިލާން ޓުވިޓާ

މިރޭގެ މެޗުގެ ކުރިން ގިނަ ބައެއްގެ ފޭވަރިޓުންނަކީ ސިޓީއަށް ވީ ނަމަވެސް އިންޓާ މިލާންއަކީ މިސީޒަންގެ މުބާރާތުގައި ދިފާއީ ގޮތުން އެންމެ ވަރުގަދަ ކުޅުން ދައްކާފައިވާ ޓީމެވެ. މިގޮތުން ކުޅުނު 12 މެޗުގައި ބައިކޮޅަށް ގޯލެއް ނުވައްދާ އެންމެ ގިނަ މެޗު ހިފަހައްޓާފައިވަނީ ވެސް އިންޓާއެވެ.

ދިފާއީ ގޮތުން ވަރުގަދަ ކުޅުމެއް ދައްކާ އިންޓާގެ ކުރީގައި ވެސް ތިބީ ވަރުގަދަ ތިން ކުޅުންތެރިއެކެވެ. މިގޮތުން އާޖެންޓީނާގެ ލަޓޫރޯ މާޓީނޭޒް މި ސީޒަންގައި 28 ލަނޑު ޖަހާފައިވާ އިރު ސިޓީއަށް ކުރިން ކުޅުނު ޖެކޯ އަދި ޗެލްސީއަށް ކުޅުނު ލުކާކޫ އަކީ ވެސް ތަޖުރިބާކާރު ކުޅުންތެރިންނެވެ.

މިރޭގެ ފައިނަލް އޮންނާނީ މިރޭ ރާއްޖޭ ގަޑިން 12 ޖަހާ އިރުއެވެ.