ރާއްޖޭގައި ފުޅާ ދައިރާއެއްގައި މަސްތުވާތަކެތީގެ ވިޔާފާރިކޮށް، އޭގެ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ބުނީ އިންޓިލިޖެންސަށް ލިބުނު މައުލޫމާތަށް ބަލާއިރު، އެތަނުން އެކަކަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހެއް ކަމަށެވެ. އެހެންވެ ކޯޓު އަމުރެއްގެ ދަށުން އޭނާ އުޅުނުތަން ބަލާ ފާސްކުރި އިރު އެތަނުގެ ކޮޓަރިއެއްގައި ހުރި ސޯފާއެއްގައި އޭނާ އިންދާ ފެނުނު ކަމަށާ އޭނާ އިން ސޯފާ ކައިރީގައި ހުރި ސައިޑްޓޭބަލް މަތީގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް، ފިލްމު ހުސްކުރި ދަޅެއްގައި ހުއްޓާ ފެނިފައި ވާކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އަދި އެތަން އިތުރަށް ފާސްކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ދަޅާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ކަހަލަ ގިނަ އަދަދެއްގެ ސެލޯފިން ކޮޅުތައް ފެނިފައި ވާކަަމަށެވެ. އަދި އެ ތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކަމަށް ބެލެވޭ ކައްޓާއެއް ވެސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އޭނާ ގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އޭނާ އަކީ ހުޅަމާލޭގެ ވޯޓާ ސްޕޯޓްސް ތަނެއްގައި މަސައްކަތްކުރާ މީހެއްކަމަށާ އޭނާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ނޫންކަމަށެވެ. މީގެ ކުރިންވެސް އޭނާ ވަނީ އެކި މައްސަލަތަކުގައި 21 ފަހަރު ހައްޔަރުކޮށް އަދި 7 ފަހަރު ބަންދު ކޮށްފައެވެ.

މި މައްސަލައިގައި ބަންދުކުރި ދެވަނަ މީހާ ވެސް ހައްޔަރު ކުރީ ފުލުހުން ފާސްކުރި ތަނުގައި ހުރި ސޯފާގައި އިންދައެވެ. ފުލުހުން ކޯޓުގައި ބުނީ ފުލުހުން އެތަނަށް ވަނުމުން އޭނާ ވަނީ އެތާ ހުރި ތަކެއްޗަކީ އޭނާގެ އެެއްޗެހި ކަމަށް އެއްބަސްވެފައި ކަމަށެވެ. އެހެންނަމަވެސް އޭނާ ވަނީ އެހެން ބުނި ކަމަށް ކޯޓުގައި އިންކާރު ކޮށްފައެވެ.

މީގެ ކުރިން އޭނާ ވަނީ ފަސް ފަހަރު ހައްޔަރުކޮށް އެއް ފަހަރު ބަންދު ކޮށްފައެވެ.

މި ޝަރީއަތުގެ މަޖިލީހުގެ ދެ ފަރާތުގެ ވާހަކަ އަޑުއެހުމަށް ފަހު ކޯޓުން ވަނީ ކޮންމެ މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.