އަފްގާނިސްތާންގެ ގަދަކްޝާން އަށް ކަނޑައަޅާފައި ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަވަހާރަ ކޮށްލުމުން ބޭއްވި ޖަނާޒާއަށް އެއްވި މީހުންނަށް އަމާޒުކޮށް ދިން ހަމަލާގައި 11 މީހަކު މަރުވެ 30 މީހަކު ޒަހަމްވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ތޯލިބާންގެ ފުލުހުންގެ އޮފިޝަރަކުވެސް ހިމެނޭ އިރު ތޯލިބާންގެ ދާހިލީ ވުޒާރާގެ ތަރުޖަމާން ވިދާޅުވީ، މިހާދިސާ ހިނގީ ހުސްވި ހަފްތާގައި އަވާހަރަވި ޑެޕިއުޓީ ގަވަރުނަރު އަވަހާރަ ކޮށްލުމުން ބުދަ ދުވަ ނަބަވީ މިސްކިތުގައި ޖަނާޒާގެ ކަންކަން ކުރިއަށް ދިޔަ ވަގުތު ކަމަށެވެ.

ޑެޕިއުޓީ ގަވަރުނަރު ނިސާރު އަހަމަދު އަހްމަދީ އަވަހާރަ ވީ ކާރުބޮމުގެ ހަމަލާއެއްގައެވެ.

މި މައްސަލަ ކުށްވެރި ކުރައްވައި އަފްގާނިސްތާންގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވީ، މިސްކިތްތަކަށް އަމާޒުކޮށް ހަމަލާތައް ދިނުމަކީ ޓެރަރިޒަމް ކަމަށާއި އެއީ އިންސާނީ އަދި އިސްލާމީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވާ އިރު ޑެޕިއުޓީ ގަވަރުނަރުގެ ޖަނާޒާ އަށް އެތައްސަތޭކަ ބަޔަކު ހާޒިރުވި ކަމަށް ހަބަރުތައް ބުނެއެވެ.