ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެނަމަ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ތައްޔާރު ވާނެ ކަމަށް އެ ޕާޓީގެ ދެކުނުގެ ކެމްޕެއިން މެނޭޖާ އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް ވިދާޅުވީ ރައީސް ނަޝީދާ ޖޭޕީގެ ގުޅުން ކެނޑިގެން ނުދާ ކަމަށާއި ރައީސް ނަޝީދާ މަޝްވަރާ ކުރުން ކުރިއަށް ދާނެ ކަމަށެވެ. އަދި ރައީސް ނަޝީދާއި ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި ވެސް އެ ޕާޓީ ތައްޔާރުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ.

ޖޭޕީ އަދި ކޯލިޝަން ހެދުމާމެދު ގޮތްތަކެއް ނިންމާފައި ނުވީ ނަމަވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި އެއްވެސް ޕާޓީއަކާ ދޭތެރޭ މައްސަލައެއް ނުޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވިއެވެ.

އިލްހާމް އިތުރަށް ވިދާޅުވީ ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމްއަށް އެރުވުމަށް މާދަމާ ރޭ 8:30ގައި ކާނިވަލްގައި ބާއްވާ ޖަލްސާގައި މާލެ ސަރަހައްދުގެ މީހުން ހިމެނޭ ގޮތަށް 4،000 މީހުން ބައިވެރިވާނެ ކަމަށެވެ. އަދި އެ ޖަލްސާއަށް ގާސިމްގެ އާއިލާގެ މެންބަރުން ފިޔަވައި އަތޮޅު ތެރެއިން މީހުން ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާސް ކަނޑާލާ، ހަމަޖެހޭނެ" ކަމަށް ގާސިމް ވިދާޅުވިކަން ފާހަގަ ކުރައްވާ އިލްހާމް ވިދާޅުވީ ޖޫނިއާ ބޭފުޅުންނަށް ވެރިކަން ދެއްވީމަ ވާ ގޮތް އޮތީ ފެންނަން ކަމަށެވެ. އެގޮތުން މިސް މެނޭޖް ކުރެވިގެން، ޑިސިޝަން ނުނެގިގެން، މަޑުޗަކުން ޗައްޕާހުން ހުރެގެން އެތައް ކަމެއް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމްގެ ތަފާތަކީ އެބޭފުޅާއަކީ ވައުދު އަދާ ކުރައްވާނެ ބޭފުޅެއް ކަމާއި އެހެން ބޭފުޅުން ތަފާތަކީ އަދި މައްސަލައަކީ އަބަދުވެސް ކޮށްދޭނަމޭ ބުނި ނަމަވެސް ދުވަހަކު ވެސް ކަންކަން ނުވުން ކަމަށް އިލްހާމް ވިދާޅުވެފައިވާއިރު ދިރިހުރިކަން ކަށަވަރުވާހާ ހިނދަކު ގާސިމް ރިޔާސީ އިންތިހާބުގަ ވާދަ ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ ދަތިކުރަން ކިތަންމެ ކަމެއް ކުރި ނަމަވެސް މެއެވެ.