ދިވެހިރާއްޖޭގެ ހައިކޯޓަށާއި ކްރިމިނަލް ކޯޓު އަދި މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި 3 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.
މި 3 ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރު މުހައްމަދު އިބްރާހީމްއެވެ.
ކޯޓުތަކަށް އައްޔަން ކުރި ފަނޑިޔާރުން:
- ހައިކޯޓު - މުހައްމަދު ޝަނީޒް އަބްދުﷲ (ހަނދުވަރީނާޒް، ގދ.ގައްދޫ)
- ކްރިމިނަލްކޯޓު - އާއިޝަތު ނުޒުހާ (މާލެގަން، ފެނާތުރު، ޏ.ފުވައްމުލައް)
- ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު - އައިޝަތު ޝިހާބް (މުސްތަރީގެ، ގއ.ވިލިނގިލި)
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަނީޒް އައްޔަންކުރުމަށް ޖޭއެސްސީއިން ނިންމާފައިވާނީ މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ 35 ވަނަ ބައްދަލުވުމުގައެވެ. ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ޝަރުއީ އަދި ގާނޫނީ ދާއިރާގައި 9 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ޝަނީޒް ހިދުމަތް ކޮށްފައިވާއިރު އޭނާ ވަނީ އެ މުއްދަތުގައި ވަކީލުކަމާއި މެޖިސްޓްރޭޓްކަން އަދާ ކުރައްވާފައެވެ. މި މަގާމަށް އައްޔަން ކުރުމުގެ ކުރިން ޝަނީޒް ހުންނެވީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަގާމުގައެވެ.
ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމު އަދާކުރައްވަމުން ގެންދެވި ނުޒުހާ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރުމަށް ނިންމާފައިވާނީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ 33 ވަނަ ބައްދަލުވުމުގައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ (ވިތް އޮނާސް) އަދި މާސްޓާ އޮފް ލޯ ހާސިލްކުރައްވާފައިވާ ނުހުޒާ ވަނީ ގާނޫނީ ދާއިރާގައި 7 އަހަރު ހިދުމަތްކުރައްވާފައެވެ.
ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައިޝަތު ޝިހާބް އައްޔަންކުރަން މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 39 ވަނަ ބައްދަލުވުމުގައި ނިންމާފައިވާއިރު އޭގެ ކުރިން އޭނާ ހުންނެވީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައެވެ. އައިޝަތު ޝިހާބްވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވައިފައެވެ.