ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އާންމު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއުވާން ވިދާޅުވީ މިވަގުތު އެ ސިޓީފުޅުގެ ވާހަކަ ދައްކަވާ ބައެއް ބޭފުޅުން ސިޔާސީ ބޭނުމަށްޓަކައި އެފަދަ ކަންކަމަކީ ވަރަށް އާންމުކޮށް ކުރައްވާ ކަމެއްކަން ދައްކަވަން އުޅުއްވި ނަމަވެސް އެއީ ހަމަ ބުއްދި ގަބޫލު ކުރާ ކަންކަމެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ލީޑަރުންގެ މެދުގައި ބަދަލު ކުރެވޭ އެފަދަ ކޮރެސްޕޮންޑެންސް ތަކަކީ އޭގެ ސިއްރު ހިފެހެއްޓޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

އާންމު އުސޫލެއްގެ ގޮތުން ދުނިޔޭގެ 2 ގައުމެއްގެ ވެރިންގެ ދެމެދުގަ ބަދަލު ކުރެވޭ ލިޔެ ކިޔުންތަކަކީ ނުވަތަ ސިޓީފުޅުތަކަކީ އާންމު ކުރާ އެއްޗެއް ނޫން ކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކޮށްއުޅޭ ކަމެއް ވެސް ނޫން ކަމަށެވެ. މީގެ ކުރިން ރާއްޖޭގައި ވެސް އަދި އެހެން ގައުމެއްގައި ވެސް އެފަދަ ސިޓީތައް އާންމު ނުކުރާ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

މިއުވާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އިން އެ ސިޓީފުޅު ހޯދަން އެދިއްޖެ ހާލަތެއްގައި އެ ކޮމިޓީއާ އެ ސިޓީފުޅު ހިއްސާ ކުރައްވާނެ ކަަމަށެވެ.

ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅު ހޯދުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުން ވަނީ އިއްޔެ ރައީސް އޮފީހަށް ވަޑައިގެންފައެވެ. ނަމަވެސް އެ ސިޓީފުޅު ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ ހަވާލާދެއްވައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

އިމުގެ މައްސަލަ ނިންމީ އެ ސިޓީ އަށް ރިއާއަތް ކޮށްގެން ކަމަށާއި އެއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެ ސިޓީ މަޖިލީހަށް ހިއްސާ ކުރުމަށްވެސް މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ.