ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށް ބުނެފިއެވެ.
މަޖިލީހުން މިއަދު ބުނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުން ކަމަށް ވުމުން، ނަޝީދު ވަކިކުރުމަށް ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.
އެ މައްސަލާގައި އެމްޑީޕީ ނޫން މެންބަރުންވެސް ސޮއިކުރެއްވިއިރު އޭގެ ތެރޭގައި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހިމެނެއެވެ.
އެމްޑީޕީގައި ހިމެނޭ އިނގުރައިދާ ދާއިރާގެ މެންބަރު އަހުމަދު ހަސަން (ހަސަންޓޭ) އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު އާއި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުވެސް އެ މައްސަލާގައި ސޮއިކުރައްވާފައެއް ނުވެއެވެ.
ހަސަންޓޭ އެ މައްސަލާގައި ސޮއިނުކުރެއްވި ސީދާ ސަބަބު އެނގިފައި ނުވި ނަމަވެސް އޭނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މިއަދުގެ ސަރުކާރަށް ތާއިދުކުރައްވާ އަދި ވަރަށް ތައުރީފުވެސް ކުރައްވާ މެންބަރެކެވެ. އަދި އެ މައްސަލާގައި ދޮންބިލެތް ސޮއިކުރައްވާފައި ނުވާއިރު އޭނާ އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެހެންނަމަވެސް ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބިލެތްދޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި ޖަލްސާއެއްގައި ދޮންބިލެތް ވަނީ ރައީސް ސޯލިހުއާއި ސަރުކާރަށް 100 ޕަސެންޓް ތާއީދު ކުރައްވާނެކަން ހާމަކުރައްވާފައެވެ.
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ވަކި ކުރަން ހުށަހަޅާފައި ވާ މި ދަނޑިވަޅުގައި އެ ދެބޭފުޅުން މަގާމުން ވަކިކުރަން ބޭނުން ވަނީ 44 ވޯޓެވެ. އެމްޑީޕީގެ މެޖޯރިޓީ މިވަގުތު މަޖިލީހުގައި އޮތުމުން އެކަން ކުރުމަކީ އުނދަގޫ ކަމަކަށް ނުވާ އިރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރުމުގެ މައްސަލަ މީގެ ކުރިން ވައްދާފައި އޮތުމުން، އޭނާ ވަކި ކުރުމުގެ މައްސަލަ ތަޅުމަށް އެޖެންޑާ ކުރުމަށް 14 ދުވަސް ލިބޭ އިރު އެ މައްސަލަ ވަނީ މިމަހުގެ 11 ވާ އާދީއްތަ ދުވަހަށް ތާވަލް ކޮށްފައެވެ.
މަޖިލީހުގެ ރައީސް އައި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހެޅިފައި ވުމުން ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ އެންމެ ގިނަ ދުވަސް ވީ މެންބަރެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދި މިއީ މަޖިލީހުގެ މުޅި ތާރީހުގައި ވެސް، ރައީސެއްގެ އިތުބާރު ނެތް ކަމަށް އެންމެ ގިނަ އަދަދެއްގެ ސޮއި އެންމެ އަވަހަށް ހަމަކޮށް މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.