ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް އެކުލެވިގެންވާ ގޮތަށް ބަދަލު އައި ނަމަވެސް، ދާއިމީ ކޮމިތީޓައް އެކުލަވާލުމުގައި ޕާޓީތަކާ އެކު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަދިވެސް އެންމެ ގިނަ މެންބަރުން ތަމްސީލްކުރާ ޕާޓީ ކަމަށްވާ އެމްޑީޕީން ގިނަ މެންބަރުން ޕާޓީން ވަކިވެ، ދެ މެންބަރަކު ޕާޓީ އަށް ގުޅިވަޑައިގަތުމުން، މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ އަދަދަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. މެންބަރުންގެ އަދަދަށް ބަދަލު އައި ކަމުގައިވީ ނަމަވެސް، މަޖިލީހުގެ ކޮންޓްރޯލް އޮތީ އެމްޑީޕީގައެވެ. ނަމަވެސް މެންބަރުން މަދުވުމުން، އެ ޕާޓީ އަށް ކުރިން އޮތް ސާފު މެޖޯރިޓީ ވަނީ ގެއްލިފައެވެ.

ނަމަވެސް އެ ބަދަލުތަކާ އެއްގޮތަށް އަދިވެސް ދާއިމީ ކޮމިޓީތައް އެކުލަވާލެވިފައެއް ނުވެއެވެ. އެހެންވެ، ކޮމިޓީތަކުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ.

މިއަދުގެ ޖަލްސާގެ މަސައްކަތްތައް ފެށުމުގެ ކުރިން ނަޝީދު ވިދާޅުވީ، ކޮމިޓީތައް އެކުލަވާލުމުގައި ޕާޓީތަކުން މަޝްވަރާކޮށްގެން ގޮތެއް ނިންމުން ބޭނުންތެރި ކަމަށެވެ.

"ހަމަ އެއާ އެކުގައި ޕާޓީތަކުން ބޭފުޅުން ބަދަލުވާ މިންވަރު އިތުރުވެގެން ދިއުމާ އެކުގައި ކޮންމެ ފަހަރަކު ކޮމިޓީ ތަކަށް އެ ބަދަލު އަނެއްކާ ވެސް ގެންނަން އެބަ ޖެހޭ، ވަކި ގޮތަކަށް މިކަން ހަމަޖެއްސުމަކީ އަޅުގަނޑަށް ފެންނަ ތަނުގައި ބޭނުންތެރި މުހިންމު ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

އެކަމަކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ ރިޔާސަތުން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްތައް ނުކޮށް، ދިގު ދަންމާލާފައިވާތީ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ހާމަކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ކޮމިޓީތައް އެކުލެވޭ ގޮތަށް ބަދަލު ނުގެނެވި ލަސްވަނީ، ޕާޓީތަކުން ވަކި ގޮތަކަށް އެއްބަސްނުވެގެން ކަމަށް، މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ޕާޓީތައް ތަމްސީލްކުރާ މެންބަރުންގެ ނިސްބަތުން ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސުމަށް ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރުން އެއްބަސްވެފައެވެ.