މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި 765 މިލިއަން ޑޮލަރު ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމު ކުރި ރިޕޯޓުގައި ބުނާ ގޮތުން މިދިޔަ މާޗް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 764.6 މިލިއަން ޑޮލަރުގަވެ. މިދިޔަ އަހަރު ނިމުނު އިރު ރިޒާވްގައި ހުރި ފައިސާގެ އަދަދަށް ވުރެ 100 މިލިއަން ޑޮލަރު ދަށަށް ގޮސްފައި ވާ އިރު އެއީ 12 ޕަސެންޓް ދަށް ވުމެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ފުރަތަމަ ކުއާޓަރުގައި ރިޒާވް ދަށަށް ދާން ދިމާވި މައިގަނޑު ސަބަބެއް ކަމަށް މަރުކަޒީ ބޭންކުން ބުނީ، ދައުލަަތަށް ލިބުނު ބޭރު ފައިސާގެ އަދަދަށް ވުރެ ބޭރު ފައިސާއިން ފައިސާ ދައްކަން ޖެހުނު އަދަދު އިތުރުވުން ކަމަށެވެ. ފުރަތަމަ ކުއާޓަރުގައި ބޭރު ފައިސާ ދައްކާފައި ވަނީ ލޯނުތައް އަނބުރާ ދެއްކުމަށެވެ. ނަމަވެސް މިދިޔަ ކުއާޓަރުގައި ޓޫރިޒަމް ރަނގަޅުވަމުން ދިޔުމުން ބޭރު ފައިސާގެ އާމްދަނީ އިތުރުވަމުން ދާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ގައި ހުރީ 827.7 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ފަހު ކޮޅު ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައި ވަނިކޮށް އަހަރު ނިމުނު އިރު ރިޒާވް އިތުރުވެފައި ވަނީ ޓޫރިޒަމުން ލިބުނު އާމްދަނީ އާއި ބޭރުގެ އެހީ އަދި ޓެކްސްގެ އާމްދަނީ އިތުރުވުމުންނެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ދައުލަތުގެ ރިޒާވް ހިފެހެއްޓުމަށް އިންޑިއާއިން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ވެސް ހަމަޖައްސާފައެވެ.

މިދިޔަ އަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައި ވަނީ މާޗު އަދި އެޕްރީލްގައެވެ. މާޗު މަހު ރިޒާވް 862 މިލިއަން ޑޮލަރަށް އެރި އިރު އެޕްރީލް މަހު ރިޒާވް ހުރީ 829 މިލިއަން ގައެވެ.