އަނެއްކާވެސް ރާއްޖޭގެ ސިޔާސީ މަޝްރަހު މި ވަނީ ވަރަށް ބޮޑަށް ހަަލަބޮލި ވެފައެވެ. ރިޔާސީ އިންތިހާބު ބޯމަތިވެ އިންތިހާބަށް ތައްޔާރު ވަމުން އަންނަ މި ދުވަސްވަރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ ދެކަފިވެ އުފެދުނު ފެކްޝަން ވަނީ އެމްޑީޕީއާ ވަކިވެފައެވެ. އެއީ ރިހި ރިހި ނުވެއްޓި އިން ދަތެއް ވެއްޓުނު ފަދަ ކަމެއްގެ ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ސިފަ ކުރެއްވި އިރު މިހާރު އެމްޑީޕީ ވަނީ 'ސާފު' ވެފައެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުގައި ހިނގަމުން ދިޔަ ޒުވާބުތައް ބޮޑުވެ ދެ ފެކްޝަނުންވެސް އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވާ ހަޑިހުތުރު އިލްޒާމްތައް އެޅުވި މާޒީ ފަސްދީ ހިނގައްޖެއެވެ. އެއް ބަޔަކީ ރައީސް ނަޝީދުގެ ސަޕޯޓަރުންނެވެ. އަނެއް ބަޔަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުންނެވެ. މިއަދު ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން އެމްޑީޕީ ދޫކޮށް އާ ސިޔާސީ ޕާޓީއެއް އުފައްދަން ވަނީ ހުށަހަޅާފައެވެ.
އެމްޑީޕީގެ 13 މަޖިލީސް މެންބަރުން އެ ޕާޓީން ވަކިވެ 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު ދެން ފެނިގެން ދިޔައީ އެ ފެކްޝަނަށް ނިސްބަތް ވާ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ ދުރުކުރުމުގެ މަސައްކަތް އެމްޑީޕީއިން ފެށިތަނެވެ. އެއާ އެކު ސިޔާސީ މަޝްރަހު އިތުރަށް ހޫނުވެ ސޯޝަލް މީޑިއާވެސް ހިމެނޭހެން ކުރަމުން ދިޔަ ތުހުމަތުތައް ހޫނުވެ މަޖިލީހާ ހަމައަށް ވަނީ ގޮސްފައެވެ. ކޮންމެ ދުވަހެއްގެ ޖަލްސާގެ ވަކި ހިސާބަކުން މަޖިލީހުގެ ރިޔާސަތު އަފީފާ ހަވާލުކުރުމާއެކު މަޖިލީސް ހޫނުވެ ދެން އިތުރަށް ކުރިއަށް ނުގެންދެވިގެން ހުއްޓާލާތަނެވެ.
މަޖީލީސް 'ހައިޖެކް ކޮށްފައިވަނީ' އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަންދެން!
'ދަ ޑިމޮކްރެޓްސް' ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ އީވާގެ އިތުބާރު ނެތް މައްސަލަ ވެރިކަން ކުރާ މައި ޕާޓީން ހުށަހަޅާފައި ވަނީ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއެކުގައެވެ. ޖޫން މަހުގެ 11 ވަނަ ދުވަހު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވާއިރު އީވާ ވަނީ އަމިއްލައަށް އެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި ދެން އެނބުރި އެމްޑީޕީއަށް ދިއުމުގެ ޝައުގެއް ނެތްކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އީވާ މަގާމުން ވަކިކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައި ވާއިރު އީވާގެ މަގާމު ދިފާއު ކޮށްދިނުމަށް މަޖިލީހުގެ ރައީސް ހުންނެވީ ނިކުމެވެ ވަޑައިގެންނެވެ. މިވަގުތު ރިޔާސަތަކީ ރައީސް ނަޝީދު ކަމުން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުރަސްއަޅުއްވައި، ހުއްޓުވާފައި ވަނީ އީވާގެ މައްސަލަ ނަގަންދެންކަމަށް އެމްޑީޕީ މެންބަރުން ތުހުމަތު ކުރެއެވެ. ރައްޔިތުންނާ ގުޅުންހުރި އެތައް ބިލަކާއި ގަރާރެއް ނިންމަން ޖެހޭއިރު، މަޖިލިސް ހުއްޓުވާފައި ބޭއްވުމަކީ ދެރަ ކަމެއްކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވަމުން އަންނައިރު މަޖިލީސް ހަމަމަގަށް އަޅުވާ ގާނޫނާ އެއްގޮތަށް މަޖިލީސް ކުރިއަށް ގެންދަން ބޭނުންވާ ނަމަ އީވާގެ މައްސަލަ ނަގަން ރައީސް ނަޝީދު 'ޑިމާންޑް ކުރަމުން' ގެންދަވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ރިފްއަތު އާއި ޝާހިދުގެ މައްސަލަވެސް ކުރިއަށް ނުގެންދެވުނު
ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މޮރިޝަސް މައްސަލައިގައެވެ. އެހެންނަމަވެސް މި ދެ މައްސަލަވެސް އެއްވެސް ކޮޅެއްގައި ނުޖެހި މަޖިލީހުގައި 'ތާށިވީއެވެ'. މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެއަށް އެޖެންޑާ ކުރުމަށް ފަހު އެޖެންޑާ އިން ނަގާފައި ވަނީ މަޖިލީހުގެ އާންމު ކޮމިޓީ އަދި ދާއިމީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން އަލުން އެކުލަވާލުމުގެ މަސައްކަތް ކުރުމަށެވެ. އެހެންކަމުން ޝާހިދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދެވޭނީ ކޮމިޓީ އެކުލަވާލާ ނިމުނު ދުވަހަކުންނެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ހޯމަ އަދި އަންގާރަ ދުވަހު މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ރިފްއަތުގެ މައްސަލަ ކުރިއަށް ނުގެންދެވި ދެ ދުވަސް ވެސް ބޭކާރުވެ، ވަކި ހިސާބަކުން ހުއްޓާލަން ޖެހުނީ މަޖިލީހުގެ ނިޒާމު ގެއްލި، ރިޔާސަތަށް ކޮންޓްރޯލް ނުކުރެވިގެންނެވެ. ރިފްއަތު، މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ އިދިކޮޅުން އިމްތިޔާޒްގެ މައްސަލަ ނުނިންމައި، އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައިވާއިރު އޭޖީގެ މައްސަލަ ނުނިންމައި އެޖެންޑާގެ އިތުރު މަސައްކަތެއް ނުކުރެވޭނެކަމަށް ސަރުކާރުގެ މެންބަރުން ވަނީ ބުނެފައެވެ.
އެންމެ ފަހުން ރައީސް ނަޝީދުވެސް މަޖިލީހުގެ ރައީސް ކަމުން ދުރުކުރާ ހިސާބަށް
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުންކޮށް މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމްޑީޕީން މީގެކުރިންވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމްޑީޕީއަށްޓަކައި އެތައް ގުރުބާނީއެއްވި ރައީސް ނަޝީދު އެ މަގާމުން ދުރުކޮށްލަން އޭރު އެމްޑީޕީ މެންބަރުން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ކަންތައްތައް ކޮންޓްރޯލުން ނެއްޓިއްޖެކަމަށް ގަބޫލުކޮށް އިއްޔެ އެޕާޓީން ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރުކުރަން ނިންމާފައެވެ. ފާއިތުވި ދެ ދުވަހަކީ މަޖިލީހުގައި އެއްވެސް ހަމައެއް ލަމައެއް ނެތި ގާނޫނާ ހިލާފަށް ކަންތައްތައް ނިމިގެން ދިޔަ ދުވަހެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ 50 މެމްބަރުންނާއި, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސޮއާއެކު ޖުމްލަ 54 މެންބަރުން ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ސޮއިކޮށްފައެވެ. ގާނޫނާއި ގާނޫނު އަސާސީން މަތިކޮށްފައިވާ މުހިންމު މަސްއުލިއްޔަތުތައް އަދާކުރުމުގައި އެންމެ މީހަކަށް ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް ބުނެ އެމްޑީޕީން މި ނިންމި ނިންމުމާއެކު އަދިވެސް ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރުން ވަނީ އެ މަނިކުފާނު މަގާމުން ދުރު ނުކުރެވޭނެ ކަމަށް ބުނެފައެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ.
ރައީސް ނަޝީދު މަގާމުން ދުރުކުރަން ފަސޭހަވާނެތަ؟
ރައީސް ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދަށް ގޮންޖައްސަވަމުން ގެންދަވާކަމަށް އެމްޑީޕީން ބުނަމުން ދާއިރު މިހާރު ސުވާލަކީ އެ މަނިކުފާނުގެ އިތުބާރު ނެތް މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެތޯއެވެ. ގާނޫނު އަސާސީގައި ހުރި ކުދިކުދި ބާގަޑުތަކުގެ ބޭނުންކޮށް އެ މަނިކުފާނު މަގާމު ދިފާއުކުރަން މަސައްކަތް ކުރާނެ ކަމަށް އެންމެވެސް ގަބޫލު ކުރެއެވެ. ރައީސް ނަޝީދަށް ތާއިދުކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ ބޭނުންކޮށް މަޖިލީސް ހަލަބޮލިކޮށް އެ މައްސަލަވެސް 'ދަންމާލާނެ' ކަމަށް ގިނަ ބަޔަކު އެއްބަސްވެެއެވެ.
އެހެންނަމަވެސް ފެނިގެން ދަނީ ތަފާތު މަންޒަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށް ސޮއި ހަމަކުރުމާއެކު އެ މަނިކުފާނުގެ ރާގުވަނީ ބަދަލުވެފައެވެ. މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެވަޑައި ގަތުމަށް ކެތްމަދުވެފައި ވާކަމުގެ އިޝާރާތެއް ރައީސް ނަޝީދު ކުރެއްވުމުން ގިނަ ބަޔަކަށް ލިބިގެން ދިޔައީ ހައިރާންކަމެކެވެ.
އެ މަނިކުފާނު އެހާ މަސައްކަތުން ހޯއްދެވި މަޖިލީހުގެ ރައީސްކަމުގެ މަގާމު އެހާ ފަސޭހައިން ދޫކޮށްލައްވާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރަން އުނދަގުލެވެ. ހާއްސަކޮށް މިއީ ރައީސް ނަޝީދުގެ ހަގީގަތް އެންމެ ބޮޑަށް އެގިވަޑައިގަންވާ އެމްޑީޕީ މެންބަރުންނަށްވެސް ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންނަމަވެސް ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ކޮންމެ ގޮތެއް ހަދާފަވެސް ވަކިކުރާނެކަން ހުދު އެމަނިކުފާނަށްވެސް އެނގި ވަޑައިގަންނަވާނެއެވެ. ގާނޫނުތަކާ ގަވައިދުތަކުގެ ކުރިމަތީ ބޭނުން 'ކުޅިވަރެއް' ނުކުޅުއްވޭނެކަން އެ މަނިކުފާނު ގަބޫލު ކުރައްވާނެއެވެ. ހާއްސަކޮށް އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހެއްގެ ރިޔާސަތުގައި އިންނަވައިގެން އެ މަނިކުފާނަށް ކުރިއަށް ވަޑައިގަންނަވަން އުނދަގޫވާނެކަން އެގިވަޑައިގަންނަވާނެވެ. އެހެންކަމުން ރައީސް ނަޝީދު މިހާ އަވަހަށް 'އަމާންދެއްވައި' މައިދާން ދޫކޮށްލާނެ ކަމަށް ގަބޫލުކުރަން ބޭނުންނުވި ނަމަވެސް އެ މަނިކުފާނުގެ ވެރިކަން ނިމިގެން ދިޔަ ގޮތަށް ބަލާއިރު މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ.
މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހުވެސް ރައީސް ނަޝީދު މަޑުން ހުންނަވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ. ދެން އެ މަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނީ މަޖީލީހުގެ ބަހުސްގައެވެ. އެހާ ހިސާބުން އަނެއްކާވެސް މަޖިލީހުގެ ރިޔާސަތާ ހަވާލުވާ މީހަކަށް ރައީސް ނަޝީދު އާ ކުރިމަތިލާން ނުޖެހި ނުދާނެއެވެ. ރައީސް ނަޝީދުގެ ވާހަކަތަކާ، ނިޒާމީ ނުކުތާތަކާއެކު އެމަނިކުފާނަށް ތާއިދުކުރައްވާ މެންބަރުންނާއި އިދިކޮޅު ގުޅިގެން އަނެއްކާވެސް މަޖިލީސް ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަކީ އެމްޑީޕީއަށްވެސް ފަސޭހަ މައްސަލައެއް ނޫނެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހެއްގައި ރައީސް ނަޝީދަށް 'ދެއްކޭނެ މާ ބޮޑު ގަދައެއް ނެތް' ނަމަވެސް އެ މަނިކުފާނު މަޑުން ނުހުންނަވާނެކަން، ރައީސް ނަޝީދުގެ ސިޔާސީ ހަޔާތަށް ބަލާލުމުން އެނގިގެންދެއެވެ. އެހެން ނަމަވެސް މިފަހަރު އެމްޑީޕީ އިން ވެސް އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. މަގާމު ދިފާއުކުރުމަށް ރައީސް ނަޝީދު ދެން 'ކުޅުއްވާނެ' ގޭމެއް' ބެލުަމަށް ރައްޔިތުން ތިބި އިރު އެމްޑީޕީ މެންބަރުން ތިބީ މަޖިލީސް ހަމަމަގަށް އަޅުވާ ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުަމަށް ނިކުމެއެވެ.
ޔާ ﷲ މަތިވެރިވެގެންވާ އިސްލާމް ދީނަށް ގޮންގަޖައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކޮންމެ މީހަކު މިގައުމުގައި ބަލިކަށި ކުރައްވައި ބާރު ދެރަކުރައްވާނދޭވެ! އާމީން!