ދެކޮޅުވެރިންނާއި އެކު ހެޔޮ އިސްލާހީ މަސައްކަތެއް ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ހަމައެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ މެންބަރުން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައެއް ކަންކަމުގައި ހިޔާލު ތަފާތުވުމުގެ ސަބަބުން ގާތް އެކުވެރިންނާއެކު މަސައްކަތް ނުކުރެވޭ ބޭފުޅުން ދުރު އަދި ދެކޮޅުވެރިންނާ އެކު ހެޔޮ އިސްލާހީ މަސައްކަތެއް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ އެއްވެސް ހަމައެއް ދުނިޔޭގައި ނޯންނާނެ ކަމަށެވެ.

މޮރިޝަސް އާއި ރާއްޖޭގެ ދެކުނު ކަނޑާ ގުޅޭ އިމުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރެއްވި ގޮތާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކާ ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ހަރަކާތުގައި ވެސް އެމްޑީޕީން ކެނޑިގެން ދިޔަ މެންބަރުންނާއި ޖޭޕީ އަދި އެމްއެންޕީގެ މެންބަރުން އަންނަނީ ބައިވެރިވަމުންނެވެ.

މީގެ އިތުރުން މި ޕާޓީތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް އެއްކޮށް މަސައްކަތް ކުރާތަން މިހާރު ފެނިގެން ދެއެވެ. މިގޮތުން މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީގެ މެންބަރުން ވެސް އަންނަނީ ތާއީދު ކުރައްވަމުންނެވެ.