ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދެއްވަން ނޫޅުއްވާ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒު މިފަދައިން ވިދާޅުވީ، ނިޔާޒު ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެންނެވެ.

މަޖިލިސް ކުރާ ގޭގެ ގޯތި ތެރޭގައި ނަގާފައިވާ އެ ވީޑިއޯގައި ފެންނަނީ ރައީސް ނަޝީދު އަވަސް ހިނގުމެއްގައި ވަޑައިގެން ނިޔާޒަށް އިނގިލި ދިއްކުރައްވައި ކޮންމެވެސް ވާހަކައެއް ވިދާޅުވާ މަންޒަރެވެ. ވީޑިއޯގައި ރައީސް ނަޝީދު ދައްކަވާ ވާހަކަ ސާފު ނުވި ނަމަވެސް ނިޔާޒަށް އަމާޒުކޮށް "އިއްޔެ ގަޔަން އަރާފައި" ހުރި ކަމަށް ނަޝީދު ވިދާޅުވާ އަޑުއިވެއެވެ.

އެކަމާ ގުޅިގެން ގިނަ ތުހުމަތުތަކެއް ނިޔާޒުގެ މައްޗަށް ކުރައްވަމުން ދާއިރު ނިޔާޒު ވިދާޅުވީ އޭނާއަކީ މީގެ ކުރިން ކުޅިވަރު ކުޅުނު މީހެއް ކަމަށާއި ކުޅިވަރުގައި ދަސްވި އެއްކަމަކީ މޮޅުވުމާއި ބަލިވުން އޮންނަކަން ކަމަށެވެ. އަދި ކޮންމެ ފަހަރަކު މޮޅެއް ނުވާނެ ކަމަށާއި ބަލިވާ ފަހަރު ބަލި ގަބޫލު ކުރަންވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު އެ ވީޑީއޯގައި އަލީ ނިޔާޒަށް ކުރެއްވީ އެ މަނިކުފާނަށް ގެއްލުންދިނުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ފޮނުއްވި ކަމުގެ ތުހުމަތެވެ. ނަޝީދުގެ މި ތުހުމަތަކީ މަޖިލީހުގެ ތެރޭގައި މެންބަރު މުޣުނީ، އެމަނިކުފާނާ ދިމާލަށް ބޭ އަދަބީ ބަހުން މުއާމަލާތް ކުރައްވާތަން ފެންނަ ވީޑިއޯއަކުން އުފެދުނު ތުހުމަތެއް ކަމަށް ބެލެވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ނަޝީދު މަޖިލީހުގެ ރިޔާސަތުން ފައިބާވަޑައިގެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާ ވާހަކަދެއްކެވުމަށް ވަޑައިގަތުމުން މުޣުނީ އަތް ދިއްކުރައްވަމުން ނަޝީދާ ދިމާލަށް ވަޑައިގެން "ތިޔަހުރީ ހޭބަލިވެފައި" ކަމަށް ވިދާޅުވެއެވެ. އަސްލަމް ވަނީ މުޣުނީ ހުއްޓުވުމަށް މަސައްކަތް ކުރައްވާފައެވެ.

މި މައްސަލަ ފެންމަތިވެފައި ވާއިރު މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީއިން ވަނީ ފަށާފައެވެ. އެގޮތުން އެ ޕާޓީގެ ޕީޖީ ގްރޫޕުން އެގޮތަށް ނިންމާ މިހާރު އެ މައްސަލަ މަޖިލީހަށް ވެއްދުމަށް 50 މެންބަރުންގެ ސޮއިވަނީ ހަމަކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ބޭނުންވަނީ މަޖިލީހުގައި މެންބަރުން ތިބި އަދަދުގެ 4 ބައި ކުޅަ 1 ބައެެވެ. އެއީ 22 ސޮއެއެވެ.