އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީ ވެވަޑައިގަތުމަށް މަޖިލީހަށް އަރިހުގައި ވަޑައިގަތް ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު އަނގަ ބަހުން ފުރައްސާރަ ކުރެއްވުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

މަޖިލީހުގައި ހިނގި ބަހުސްގައި، ނިޒާމީ މައްސަލައެއް ނަންގަވައި ވާހަކަ ދައްކަވަމުން ސަލީމްގެ ނުރުހުން، ރިފްއަތާ އެކު ތިއްބެވި ދެ ބޭފުޅުންނަށް އަމާޒުކުރެއްވި އެވެ. އިޓްލޮސްގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރިތޯ ސުވާލު އުފައްދަވައި ފާޑުވިދާޅުވުމުގެ ތެރެއިން އެތަނުގައި ތިއްބެވި އަންހެން ދެ ބޭފުޅުންނަކީ "18 އަހަރު ނުފުރޭ ދެ ކުދިންތޯ" ސަލީމް އެއްސެވިއެވެ.

ބަންޑާރަ ނައިބުގެ ދެ ފަރާތުގައި ތި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ޔަގީންކޮށްލަދޭން އަޅުގަނޑު ބޭނުންވޭ.
އަހްމަދު ސަލީމު

އެކަމާ ގުޅިގެން އޭޖީން ނެރުނު ބަޔާނެއްގައި ބުނީ، ރިފްއަތާ އެކު މަޖިލީހަށް ވަޑައިގެންނެވި ހަދީޖާ ޝަބީން އާއި ފާތިމަތު ހަލީމް އަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އިލްމީ، ގާބިލް އަދި 16 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ވަކީލުން ކަމަށެވެ.

އެއޮފީހުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ޖިންސަށް ނިސްބަތްކޮށް، ފުރައްސާރަކޮށް، ކުޑައިމީސް ބަސް ބުނުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދައުލަތުގެ ތިން ބާރުން ކުރެ އެއްބާރުގައި ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި ހިމެނޭ މެންބަރަކު، ބަންޑާރަނައިބް އޮފީހުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅުންގެ ޖިންސުގެ ސަބަބުން އެ ބޭފުޅުންގެ ގާބިލް ކަމާއި ތަޖުރިބާއާ މެދު ސުވާލު އުފައްދަވައި ވާހަކަ ދެއްކެވުމަކީ އެ އޮފީހަށާއި ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ އަންހެން ވަކީލުން ހިމެނޭ ގޮތުން އަންހެން ބޭފުޅުންނަށް އިހްތިރާމު ކުޑަކުރެއްވުމުގެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

އޭޖީ އޮފީހުގެ ގާނޫނީ މަަސައްކަތުގައި މުހިއްމު ޒިންމާތަކަކާ ހަވާލުވެވަޑައިގެން ތިއްބެވި އަންހެން ދެ ބޭފުޅުން ދަށްކޮށްލައި، މަލާމާތެއްގެ ގޮތުގައި ސަލީމް ކުރެއްވި ސުވާލާ މެދު މަޖިލީހުގެ ރިޔާސަތުން ވެސް ކަންބޮޑުވުންފާޅު ކުރެއްވިއެވެ.

މިގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަލީމް ނިސްބަތްކުރެއްވި މޭރަމުން އެ ދެ ބޭފުޅުންނާ މެދު މުހާތާބް ނުކުރެއްވޭނެ ކަމަށެވެ.