ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓް ހުއްދަ ނުހޯދައި އެފްރިކާގެ އެރިޓްރިއާގެ ބަނދަރަށް ވަން މައްސަލަ ހަމަޖައްސައި އެ ދެބޯޓު އަނބުރާ ރާއްޖެ ގެނައުމުގައި އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި ނަމަވެސް އެ ބޯޓުގެ ފަޅުވެރިން ރާއްޖެ ގެނެސްފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރު ބަނުމަށް ހަވާލުވި ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓު މިސްރުން ފުރައިގެން ރާއްޖެ އަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެގެން އެފްރިކާގެ އެރިޓްރިއާގެ ބަނދަރަށް ވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. ހިފެހެއްޓި ދެ ބޯޓުގައި ތިބީ ދެ ދިވެހި ކެޕްޓަނުންނާއި ދެ ދިވެހި އިންޖިނިއަރުންނާއި މިސްރުގެ ފަޅުވެރިންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގަސަމް ވިދާޅުވީ، އެ ދެބޯޓުގެ ގައި ތިބި ދިވެހި ފަޅުވެރިން ރާއްޖެއަށް ގެނެސްފައިވާ އިރު، އެ ބޯޓުގައި ތިބި މިސްރުގެ ފަޅުވެރިން އެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. ފަޅުވެރިން ރާއްޖެއާ ހަމައަށް ގެނެވުނު ނަމަވެސް އަދިވެސް އެ ދެ ބޯޓު ރާއްޖެ ގައުމަށް ކުރާ މަސައްކަތްތަކުގައި އަދި މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަން ގަސަމް ފާހަގަ ކުރެއްވިއެވެ.

އެފްއެސްއެމްއިން ފޮނުވާ ޕަވާ އޮފް އެޓާނީގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އެރިޓްރިއާގެ ދިއްލީ އެމްބަސީގެ ސްޓޭމްޕް ޖަހަން ޖެހޭ ކަމަށް ގަސަމް ވިދާޅުވިއެވެ. އެ ލިޔުން އެރިޓްރިއާގެ ދިއްލީ އެމްބަސީއަށް ފޮނުވާފައިވާ ކަމަށާއި އަދި އެތަނުން ސްޓޭމްޕް ޖަހާފައި މިކޮޅަށް ފޮނުވާފައި ނުވާ ކަމަށް ގަސަމް ވިދާޅުވިއެވެ.

އެ މަސައްކަތް އަވަސް ކުރުމުގެ މަސައްކަތއ ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ކުރިއަށް ގެންދާ ކަމަށް ގަސަމް ވިދާޅުވިއެވެ.

އެ ދެ ބޯޓު އެ ދުވަހު އެރިޓްރިއާގައި ބަނދަރު ކުރި އެ ބޯޓުގައި ހުރި ރޭޑިއޯ ސެޓުން ގުޅަން އުޅެ ނުގުޅުމުން ކަމަށާއި އެއީ ކުޑަ ދެ ބޯޓް ކަމުން ބޮޑެތި ބޯޓުތަކުގައި ހުންނަ ވަސީލަތްތައް ނެތް ކަމަށް ގަސަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު މޫސުން ގޯސްވެ ކަނޑު ގަދަވެ ކުރިއަށް އެއްގޮތަކަށް ނުދެވޭނެ ކަން އެނގުނު އިރު، ކްރޫއިންގެ ހާލު ވެސް ވަރަށް ގޯސްވެ، ބޯޓުގެ ހުންގާނު ސިސްޓަމަށް ވެސް މައްސަލައެއް ދިމާވެގެން އެ ބަނދަރަށް ވަނުން ނޫން ގޮތެއް ނެތިގެން ވަނީ ކަމަށް ގަސަމް އޭރު ވިދާޅުވިއެވެ.

ގައުމަކަށް ވަންނަ އިރު ގައުމެއްގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ވަންނަން ޖެހޭ އިރު އެ ދެ ބޯޓު ވެސް އެ ބަނދަރަށް ވަނުމުގެ ކުރިން ބަނދަރަށް ގުޅަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ބަނދަރަށް ގުޅޭ ގޮތް ނުވުމުން ދިމާވި އެމްޖެންސީ ހާލަތުގައި އެ ބަނދަރަށް ވަނީއެވެ.

މިހާތަނަށް އެ ބޯޓު އެފްރިކާގެ އެރިޓްރިއާގައި ހިފަހައްޓާފައި އޮންނަތާ 40 ދުވަސް ވީއެވެ.