މިދިޔަ ހުކުރު ދުވަހުގެ ރޭ ޑައިންމޯ ކައިރީގައި މާރާމާރީ ހިންގި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގައި ދައުވާ ކުރި ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްކަން އެނގިއްޖެއެވެ.

މާރާމާރީގެ މައްސަލާގައި މަފާޒު ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތެއް އިއްޔެ ކްރިމިނަލް ކޯޓުން ޖަހާފައި ވާއިރު އެ ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އޭނާ ހައްޔަރު ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ތުހުމަތުގައި ކަމަށެވެ. އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަމަށްވެސް އެ އަމުރުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ މާރާމާރީ ހިންގަން އުޅުނު މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވާ އިރު، ދެން އެތަނުގައި ތިބި އެހެން މީހުން ވަނީ ފިލާފައެވެ. އަދި އެ ތަނުން ދެމީހަކު ފިލާފައި ވަނީ އެމީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އެތަނުން ފިލި މީހުން ދެނެގަތުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ނަދީމުގެ މަރުގެ މައްސަލާގައި މަފާޒާއި އިތުރު 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފަހު ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭތިއްބުމަށް ފަހު އެ މީހުން ބަންދުން ދޫކޮށްލާފައި ވަނީ ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާ، ކުށް ސާބިތުވާ މިންވަރަށް ހެކި ނެތުމަށް ކަމަށް ބުނެ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރަން މިހާރު ވަނީ ނިންމާފައެވެ.

ނަދީމު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު އެތަނަށް ވަދެ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާއިރު އޭނާ މަރުވީ އެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ. އެ މައްސަލާގައި މަފާޒުގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލިއެވެ.