ޗައިނާގެ ގަދީމީ އަދި މުގައްދަސް ސިޓީއެއްގެ ގޮތުގައި ބަލާ ޓައިވާން ސްޓްރެއިޓް ނުވަތަ ޓައިވާން ކަނޑުއޮޅީގައި ހަނގުރާމައެއް ފެށިއްޖެ ނަމަ އެވާނީ ހީވެސް ނުކުރާހާ ގެއްލުން ބޮޑު ހަނގުރާމައަކަށް ކަމަށް އެމެރިކާއިން ބުނެ ޗައިނާ އަށް އިންޒާރު ކޮށްފިއެވެ.
މިހާރު ސިންގަޕޫރުގައި ކުރިއަށް ދާ ޝަންގްރިއްލާ ސެކިއުރިޓީ ސަމިޓުގައި އެމެރިކަގެ ދިފާއީ ވަޒީރު ވިދާޅުވީ ގޯހެއް ނެހެދުމަށާއި ޓައިވާން ކަނޑުއޮޅީގައި ހަނގުރާމައެއް ފެށިއްޖެ ނަމަ އެވާނީ މުޅި ދުނިޔޭގެ އިގްތިސޯދަށް ހީވެސް ނުކުރާވަރުގެ ލޮޅުމެއް އައިސް އިންތިހާއަށް ގެއްލުން ބޮޑު ހަނގުރާމައަކަށް ކަމަށެވެ.
ޗައިނާގައި މިހާރު ވެރިކަން ކުރާ ޕީޕަލްސް ޕާޓީ ވެރިކަމަށް އައުމަށް މެދުވެރިވި ހަމަނުޖެހުންގަނޑުގައި ޓައިވާނަކީ އޭރު ވެރިކަމުގައި އޮތް ޕާޓީގެ ލީޑަރު ހިޖުރަ ކުރި ތަނެވެ. ނަމަވެސް ޕީޕަލްސް ޕާޓީ ވެރިކަމަށް އައުމަށް ފަހު މިއަދާ ޖެހެންދެންވެސް ގަބޫލު ކުރަނީ ޓައިވާނަކީ އެމީހުންގެ ތަނެއް ކަމަށާއި ކާބަފައިން ދިރިއުޅެން ފެށި މުގައްދަސް ތަނެއް ކަމަށެވެ. އެހެން ކަމުން ޓައިވާނުގެ މިނިވަންކަން ޗައިނާއަކުން ގަބޫލެއް ނުކުރެއެވެ. އަދި ޗައިނާއާ ގުޅުން އޮންނަ ގިނަ ގައުމުތަކުން ޓައިވާން ބަލައިގަތަވެސް ނުދެއެވެ.
އެމެރިކާ ފަދަ ނުފޫޒުގަދަ ބައެއް ގައުމުތަކުން ޓައިވާނުގެ މިނިވަންކަން ބަލައިގަނެ، ޗައިނާގެ އަތްދަށުން މިނިވަން ކުރަން ކުރާ މަސައްކަތުގައި އެމެރިކާ އާއި ޗައިނާ އާ ދެމެދު އެކި ސިފަސިފައިގައި ކުރިމަތިލުންތައް ހިނގާތާ ކިތަންމެ ދުވަހެކެވެ. ހާއްސަކޮށް ޓައިވާން ކަނޑުއޮޅި އަކީ، ވަޔާއި ކަނޑުގެ މަގުން އެއްވެސް ބަޔަކަށް ބާރު ނުފޯރުވޭ ހުޅުވާލެވިފައިވާ ބައިނަލްއަގުވާމީ ސަރަހައްދެއް ކަމަށް ކަނޑައަޅާ އެގޮތް އެމެރިކާއިން ދަނީ ތަންފީޒު ކުރަމުންނެވެ. ނަމަވެސް ޗައިނާއިން އެގޮތް ބަލައެއް ނުގަނެއެވެ. އެއާއެކު އެ ކަނޑުއޮޅިއަށް ނިސްބަތްވާ އެކި ސަރަހައްދުތަކުން ހުރަސް ކުރާ ކަނޑާއި ވައިގެ އުޅަނދު ފަހަރަށް ޖެއްސުން ކުރުމުގާއި ހުރަސްއެޅުމުގެ ހަރަކާތްތައް ހިންގައެވެ. އަދި ޗައިނާއަށް ބިރު ދައްކަން ނުވަތަ ޖެއްސުން ކުރަން އެމެރިކާއިން، އެމީހުންގެ އެންމެ ބޮޑު މަނަވަރުތަކާއި ބޮން އަޅާ ބޯޓުތަކާއި ޖާސޫސީ ބޯޓުތައް ދޭތެރެ ދޭތެރެއިން ދުއްވައެވެ.
މި ފަދަ ކުރިމަތިލުންތަކުގައި ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވެ ދެންމެ ދެންމެ ހަނގުރާމައެއް ފަށާފާނެހެން ހީވާ ވަގުތުތައްވެސް އާދެއެވެ.
އޮސްޓިން މި މޭރުމުން ވާހަކަަ ދެއްކެވިތާ ކުޑަ އިރުކޮޅެއްގެެ ތެރޭގައި ޗައިނާއިން ވަނީ ރައްދު ދީ، އެމެރިކާއިން ދައްކަނީ މުޅިން ގޯސް ވާހަކައެއް ކަމަށާއި، ޗައިނާގެ ކަންކަން ކުރާނެ ގޮތެއްވެސް އަދި ނިންމާނެ ގޮތެއްވެސް އެމެރިކާއަށް ނޭނގޭނޭ ކަމަށް ބުނެ ގޮން ޖަހާފައެވެ.
އަދި އެމެރިކާއިން މަސައްކަތް ކުރަނީ ކުރިމަތިލުމަކަށް ގެންދަން ކަމަށާއި ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލަން ކަމަށް ވިދާޅުވެ ޗައިނާގެ ލެފްޓިނަންޓް ޖެނެރަލް ޖިންގް ޖިއަފެންގް ވަނީ ވަރުގަދައަށް ރައްދު ދެއްވާފައެވެ.
ސިންގްޕޫރުގައި ސެކިއުރިޓީ ސަމިޓް ހިނގަނިކޮށް އެމެރިކާ އާއި ކެނެޑާ ގުޅިގެން ވަނީ ޓައިވާން ކަނޑުއޮޅީގައި ހަރަކާތްތެރި ވެފައެވެ. އެ ދެގައުމުގެ އަސްކަރީ މަނަވަރު އެކަނޑުއޮޅިން ދަތުރު ކޮށް އަނެއްކާވެސް ޗައިނާ ރުޅިއަރުވާލައިފައެވެ.
އެމެރިކާ އާއި ޗައިނާ އާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުން ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދަން ޝެޑިއުލެއް ކަނޑައަޅާފައި ވާ ކަމަށް ވެސް މިއަދު އެމެރިކާއިން ވަނީ ބުނެފައެވެ.