ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރައްވަމުންދާ ޕާޓީ "ދަ ޑިމޮކްރަޓްސް" އަށް ސޮއި ކުރި މީހުންގެ ލިސްޓް އާންމުވި މައްސަލަ އެ ޕާޓީގެ ފަރާތުން މިއަދު ފުލުހަށް ހުށަހަޅައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ނައިބު، ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ސޮއި ކުރި މީހުންގެ ލިސްޓް އާންމުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމުގެ ކުރިން ކަމަށެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް އިތުރަށް ޝިފާޒް ވިދާޅުވީ އާންމު މެމްބަރުންގެ އަތުގައި މިހާރު އެ ލިސްޓު އެބައޮތް ކަމަށާއި މިއި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.

އަދި ފެނަކައިންނާއި ސަރުކާރުގެ އެހެން ކުންފުނިތަކުން ޑިމޮކްރަޓްސްއަށް ސޮއިކުރާ މީހުންނަށްވެސް ގުޅަމުން ގެންދާ ކަމަށާއި މިއީ އެޕާޓީ އުފެއްދިޔަ ނުދިނުމަށް ސަރުކާރުގެ ފަރާތުން ރާވައިގެން ކުރަމުން ގެންދާ ކަމެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި ގޯއްޗަކަށް ނުވަތަ ފްލެޓަކަށް ފޯމް ލާފައިވާނަމަވެސް އެމީހަކަށް ގުޅާ ނަން ނެގުމަށް އެދެމުން ގެންދާކަމަށައި މާލޭގައި އެގޮތަށް ބައެއް ވަޒީރުންވެސް މީހުނަށް ގުޅަމުން ގެންދާކަމުގެ ތުހުމަތު ކުރެއްވިއެވެ.

"ގުޅާފަ އެބަބުނޭ މިވަނިކަމަކަށް ފޯމް ލަފަނޫންހޭ އޮތީ، ފްލެޓަށް ފޯމް ލާފަ ނޫންހޭ އޮތީ، ނަން ނަގާށޭ، އާއިލާ މީހަކު ފްލެޓަކަށް ފޯމް ލާފަ އޮތަސް އެމީހަކަށް އެބަގުޅަ ނަން ނަގަން" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒްގެ އިތުރުން ނޫސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުނަށް ގުޅާ ބިރުދައްކާ ކަމުގެ ސާފު ހެކި އެބަހުރި ކަމަށެވެ. ސިޔާސީ ޕާޓީއެއްގައި ބައިވެރި ވުމަކީ ދިވެހި ރައްޔިތަކަށް ލިބޭނެ އެންމެ އަސާސީ ހައްގުކަމަށާއި ސަރުކާރުން ގެންދަނީ އެ ހައްގަށްވެސް ހުރަސް އަޅަމުންކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް އިލްޔާސް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ މެއި މަހު އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.