ރޭ ޑައިންމޯ ކައިރީގައި މާރާމާރީ ހިންގަން އުޅުނު މީހުންގެ ތެރެއިން 25 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ 23:35 ހާއިރު މަޖީދީ މަގުގައި ހުންނަ ޑައިންމޯ ކައިރީގައި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައި ވިޒިބިލިޓީ ފުލުހުން ވަނީ ހުއްޓުވާފައި ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އެ މާރާމާރީ ހިންގަން އުޅުނު މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވާ އިރު، ދެން އެތަނުގައި ތިބި އެހެން މީހުން ވަނީ ފިލާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތަނުން ދެމީހަކު ފިލާފައި ވަނީ އެމީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި އެތަނުން ފިލި މީހުން ދެނެގަތުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަސް ފުލުހުން ބުނެއެވެ.