ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރަން އުޅުމުގެ ތުހުމަތަށް މި ހަފްތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ޕާކިސްތާނު ހަތަރު މީހުން ބޮޑުކަމުދިޔަ އިރު ޑްރަގް ހުރި 227 ބުލެޓް ވެއްޓިއްޖެއެވެ.

މިދިޔަ ހަފްތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓި ފާކިސްތާނު 4 މީހުންގެ ތެރޭގައި ހިމެނެނީ 3 ފިރިހެނަކާއި އަންހެނެކެވެ. މި ހަތަރު މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިން ބަންދުގެ މުއްދަތު ހަމަވާތީ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެމީހުން އަލުން ކޯޓަށް ހާޒިރު ކުރި އިރު، ވަނީ އެމީހުންނާ ދެކޮޅަށް އިތުރު ހެކި ހުށަހަޅާފައެވެ،

  • 32 އަހަރުގެ އަންހެން މީހާ، މިސްބާހް ބީބީ، ބޮޑުކަމު ދިޔަ އިރު 10 ބުލެޓް، ބަރުދަނުގައި 157 ގްރާމް
  • 32 އަހަރުގެ ނައީމް ތޯރިގް، ބޮޑުކަމުދިޔަ އިރު 75 ބުލެޓް، ބަރުދަނުގައި 909 ގްރާމް .
  • 36 އަހަރުގެ ހަވާރް ހުސައިން، ބޮޑުކަމުދިޔަ 62 ބުލެޓް، ބަރުދަނުގައި 756.3 ގްރާމް
  • 36 އަހަރުގެ ޝާހްޒާދް ހުސައިން، ބޮޑުކަމުދިޔަ އިރު 80 ބުލެޓް ބަރުދަނުގައި 1.068 ކިލޯ

އެ މީހުންނާ ދެކޮޅަށް ހުށަހެޅި އިތުރު ހެކީގައި ބުނެފައިވާ ގޮތުން މި އެންމެން ވެސް ވަނީ އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަށް އިއުތިރާފް ވެފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކްރިމިނަކް ކޯޓުން ބުނީ، މިއީ ޖަމާއަތް ހަދައިގެން ކުރަން އުޅުނު ކުށެއް ކަމަށާއި، މި ކަމުގައި ގިނަ ބަޔަކު ބައިވެރިވެ އަދި މިކަން ކޮށްފައިވާ ގޮތަށް ބަލާ އިރު މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ބެލެވޭ ކަމަށެވެ. ބަންދުގެ މުއްދަތު ދިނުމުގައި އެކަމަށް ރިއާޔަތް ކޮށްފައި އެއިން ކޮންމެ މީޙެއްގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި ފަހުން ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މައްސަލަތަކުގައި ޕާކިސްތަން ރައްޔިތުން އަތުލައިގަންނަ މައްސަލަތައް އިތުރުވަ ކަން ފާހަގަ ވެއެވެ. އެގޮތުން ލަގެޖްގައި މަސްތުވާތަކެތި ހިފައިގެން އައިސް އުޅޭ ބައެއް ޕާކިސްތާން މީހުންގެ މައްސަލަަތައް ވެސް އަންނަނީ ބަލަމުންނެވެ.