ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ގެދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަން ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.
އެމްޓީސީސީން ބުނީ، މިއަދު ސޮއިކުރި މަޝްރޫއުގެ ސަބަބުން ފަޅުތެރޭ އޮންނަ ރާޅުގަނޑު ރަށުތެރެއަށް އެރުމުގެ މައްސަލަ ހައްލު ވާނޭ ކަމަށާއ،ި މިކަމަކީ ރަށުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ވާނޭ ކަމެއްކަމަށް ގދ. ތިނަދޫ ކައުންސިލުން ބުނާ ކަމަށެވެ. މީގެ އިތުރުން ތިނަދޫގައި އޮންނަ އިންޑަސްޓްރިއަލް ޒޯނަކީ ވަރަށްގިނަ އިގްތިސޯދީ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ތަނެއް ކަމުން، އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކާ ނިމުމުން އިތުރު ފެކްޓަރީތައް ގާއިމުކުރެވޭނެ ކަމަށާއި ތިނަދޫ ރައްޔިތުންނަށް އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާ ކުރާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އިންޑަސްޓްރިއަލް ޒޯންގެ 3 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 32,647 ކިއުބިކް މީޓަރުގެ ވެލި ރިވެޓްމެންޓަށް ބަރު ކުރުމާއ،ި 254 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 89 މީޓަރުގެ ޕްރީކާސްޓް އާރްސީ ރީޓެއިނިން ފާރެއް ލުމާއި، ބަނދަރު ބައްތި ހަރު ކުރުން ހިމެނެއެވެ. ހަމައެއާއެކު ނެރު ބައްތި ހަރު ކުރުމާއި 47 މީޓަރު ދިގު 3 މީޓަރު ފުޅާ ޓިމްބާ ޖެޓީއެއް ހެދުމާއި، ޕިކްނިކް އައިލެންޑްގެ 2 ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުން ހިމެނެއެވެ. މީގެ އިތުރުން ޕިކްނިކް އައިލެންޑްގެ 474 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ޕިކްނިކް އައިލެންޑްގެ 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 53.41 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
10,000 މީހުންނަށް ވުރެ އިތުރު އާބާދީއެއް އޮންނަ ގދ. ތިނަދޫއަކީ، އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ދޯނި ފަހަރު ބަނުން އަދި ގެސްޓް ހައުސް ވިޔަފާރި އާންމުކޮށް ކޮށްއުޅޭ ރަށެކެވެ.