ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްލި މައްސަލައިގައި އެ ތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އެ މައްސަލާގައި މީގެ ކުރިން 100،000 ރުފިޔާގެ މަގުން ކޮންމެ އެޕާޓްމެންޓެއް ޖޫރިމަނާކޮށްފައިވާއިރު އެ 200،000 ރުފިޔާ ފަސް ދުވަސް ތެރޭގައި ދެއްކުމަށް އާބަންކޯއިން ވަނީ އެ ފަރާތަށް އަންގާފައެވެ. އެހެންނަމަވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް އާބަންކޯއިން ބުނެއެވެ.
މި މަހުގެ 18 ވަނަ ދުވަހު އާބަންކޯއިން ވަނީ އެ ފްލެޓްތައް 14 ދުވަސް ތެރޭގައި އާބަންކޯއަށް ހަވާލުކުރަން ވެރިފަރާތައް އަންގާފައެވެ.
އެ އެޕާޓްމަންޓްތައް އާބަންކޯއަށް ހަވާލުކުރުމަށް އެނގި އެނގުން ހުއްޓުވުމަށް ވެރިފަރާތުން ވަގުތީ އަމުރަކަށް އެދިފައިވާއިރު ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ވަނީ އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށެވެ. އެހެންކަމުން، އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އެކޯޓުން ބުނެއެވެ.
އެ މައްސަލާގައި އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމުގެ މާއްދާތަކާއި އެއްމެދު އިމާރާތުގެ ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ފަހު ކަމަށް ވާތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެއެވެ.
އާބަންކޯއިން ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި އެ ކޯޕަރޭޝަނުން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށެވެ.
އެ މައްސަލަ ބެލުމަށްފަހު 10 ދުވަހުގެ ތެރޭގައި ދެއްކުމަށް ކޮށްފައިވާ ޖޫރިމަނާގެ ފައިސާ އަދި އެޕާޓްމަންޓް ހަވާލުކުރެވުނުއިރު ހުރި ގޮތަށް އިޔާދަކުރުމަށް އަނގާފައި ވީ ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާތީ 14 ދުވަސް ތެރޭގައި އާބަންކޯއަށް ފުލެޓް ހަވާލު ކުރުމަށް ވެރިފަރާތްތަކަށް އަނގާފައިވާ ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ "ހިޔާ ޔޫނިއަން" ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހުމަދު ޝަމާލްއެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަގޮތުގައި މި ދެ ފްލެޓް އެއްކޮށްގެން ހަދާފައި ވަނީ ޒަމާނީ ފެންވަރުގައެވެ.