މަތީ ސާނަވީ އިމްތިހާނު ނިންމާ ރާއްޖޭގެ ގަދަ 10އެއްގައި ހިމެނުނު 445 ދަރިވަރުންނަށް އިނާމު ދީފިއެވެ.

2022-2021 ވަނަ އަހަރު މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމުގެ ޖަލްސާ ބާއްވައިފައި ވަނީ ރޭ ދަރުބާރުގޭގައެވެ.

445 ދަރިވަރަކު މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދާފައިވާއިރު 2021-2022 ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގައި 2849 ދަރިވަރުން ވަނީ މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށްފައިވެއެވެ. އަދި 3 މާއްދާއިން A* ހޯދައިގެން 38 ދަރިވަރަކު އެޑެކްސެލް އެކްސެލްންސް އެވޯޑް ހާސިލްކޮށްފައިވެއެވެ.

ވަކިވަކި މާއްދާއިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 20 ދަރިވަރަކު ހޯދާފައިވާއިރު، 6 ދަރިވަރަކު އެކިއެކި މާއްދާއިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައިވެއެވެ. މީގެއިތުރަށް 5 މާއްދާއިން A* ހޯދައިގެން 17 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10ގެ 1 ވަނަ ހޯދާފައެވެ.

މި އަހަރުގެ މަތީ އަރުތަވެރީންގެ އިނާމަށް ވާދަކުރުމުގެ ފުރުސަތު އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ވަނީ ލިބިގެން ގޮސްފައެވެ. އަދި އެ މަދަރުސާގެ ދަރިވަރުންގެ ތެރެއިން ފަހުރުވެރި ރަން ވަނަ ހޯދި ދަރިވަރުންގެ ދަފްތަރުގައި ރޭ އެ ސްކޫލުގެ ދަރިވަރުންތަކެއް ހިމެނިގެންދިޔައެވެ.