މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު އަމީން ހަމަޖައްސައިފިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް އަމީން ހަމަޖެއްސިއިރު ޑެޕިއުޓީ މެނޭޖަރަކީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މި ދެ ބޭފުޅުންނަށް މަގާމުގެ މަސްއޫލިއްޔަތުގެ ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ފެށުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. މި ގޮތުން ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރައްވާނެކަމުގެ ޔަގީންކަން އިދިކޮޅު ކޯލިޝަނުން ދީފައިވާއިރު އެ ކޯލިޝަނުން އަންނަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ގާނޫނީ ފުރުސަތު އަދި ބަންދުވެފައިވާއިރު އެ މަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ވެސް ވަނީ ދައުވާކޮށްފައެވެ.