ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް، 'އާޔާ' މިއަދު ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން ތައާަރަފްކުރި ޑިޖިޓަލް ބޭންކިން އެސިސްޓަންޓްގެ ނަމަކީ "އާޔާ" އެވެ.

ބީއެމްއެލް އިން ބުނީ، 'އާޔާ' އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެއް ކަމަށެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ 'އާޔާ' އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާ ނަމަ ކަސްޓަމާ ސާވިސް އޭޖަންޓަކަށް ވެސް ޗެޓް ޓްރާންސްފާ ކޮށްލެވޭނެއެވެ.

"ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އަޅުގަނޑުމެންގެ އިންވެސްޓްމަންޓްގެ ނަތީޖާ މިހާރުވެސް މިދަނީ ފެންނަމުން. އެގޮތުން، 2022 ވަނަ އަހަރު ހިދުމަތުގެ ފެންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް %40 ވަނީ ރަނގަޅުވެފައި."
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުން ވާނީ އެފަރާތެއް ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށް ކަމަށެވެ. އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތްކުރުމަށް 'އާޔާ' ފަރުމާކޮށްފައި ވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން، ބީއެމްއެލްގެ ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދެވި، މައްސަލަ ހައްލުވެ، އޭގެ ސަބަބުން ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެން ދާނެ ކަމަށް ކާލް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ކުރިއަރާފައިވާ މާލީ ހިދުމަތް ފޯރުކޮށްދޭ އެހެން ފަރާތްތަކާ ތަފާތުކޮށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށް ދިނުމަށާއި ސެލްފް ސާވިސް ބޭންކިން ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮންމެ ދުވަހަކު ބޭނުންކުރާ ބޭންކިން ހިދުމަތްތައް އޮންލައިންކޮށް މެނޭޖް ކުރެވޭނެ ގޮތް ގާއިމްކުރުމަށް ބިއެމްއެލުން އަންނަނީ މަސައްކަތް ކުރަމުން ކަަމަށް އެ ބޭންކުން ބުނެއެވެ. ހަމައެއާއެކު އެ ބޭންކުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

"އަޅުގަނޑުމެންގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު މިވަނީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑަށް ދަށްކުރެވިފައި. އެހެންނަމަވެސް، އަދިވެސް ގިނަ މަސައްކަތް ކުރަންޖެހޭ. އަދި އަޅުގަނޑުމެން އިޖާދީ ހައްލު ހޯދުމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނުވުމަށް މަސައްކަތްތަކެއް ކުރާނަން."
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ

ވަގުތުން ބޭންކް އެކައުންޓް ހުޅުވުން، އޮންލައިންކޮށް ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުން، ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް މެނޭޖް ކުރުން، ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ޓީޓީގެ ހިދުމަތް ފަދަ ގިނަގުނަ ޑިޖިޓަލް ހިދުމަތްތަކެއް ބީއެމްއެލުން ކަސްޓަމަރުންނަށް މިއަދު ދަނީ ފޯރުކޮށް ދެމުންނެވެ.

ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ސަބަބުން، މިހާރު ކަސްޓަމަރުންނަށް ކޯލް މެނޫ މެދުވެރިކޮށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އެސްއެމްއެސް ލިބޭނެ ގޮތް ހަމަޖެހި ކިއުގައި މަޑުކުރަން ބޭނުންނުވާ ނަމަ ކަސްޓަމަރަށް ގުޅުމަށް އެދި އަދި ކުއްލި ހާލަތްތަކުގައި އަވަސްކޮށް ގުޅުމަށް އެދި ހުށަހެޅޭނެ އިންތިޒާްމް ބޭންކުން މި ވަނީ ހަމަޖައްސާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާ އިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާ އެކު އެ ބޭންކުން އަންނަނީ ހިދުމަތް ފޯރުކޮށް ދެމުންނެވެ.