އެމްޑީޕީއިން މާލޭގައި ހިންގަމުން އައި މައި ހަރުގެ އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އެމްޑީޕީން ސިވިލް ކޯޓުގައި އެދިފައި ވަނީ އެ މައްސަލަ ކޯޓުން ނިމެންދެން ހަރުގެ އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށް ބުނެ ސިވިލް ކޯޓުން އަމުރު ނެރެދީފައެއް ނުވެއެވެ.
އެމްޑީޕީން އެ މައްސަލާގައި ސިވިލް ކޯޓުގައި ދައުވާ ކުރަނީ އަންނަ ޖުލައި 31ގެ ނިޔަލަށް ހަރުގެ ބޭނުން ކުރުމުގެ ހައްގު އެ ޕާޓީއަށް ލިބިގެންވާ ކަމަށް ނިންމައި ދިނުމަށެވެ. ނަމަވެސް އެމްޑީޕީއަށް ހިމާޔަތް ލިބެން ޖެހޭ އެފަދަ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށާއި އެ ޕާޓީއަށް އިއާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ވެއެވެ.
އިއްޔެ ހަވީރު އެމްޑީޕީގެ މައި ހަރުގެއަށް ވަދެފައި ވަނީ އެމްޑީޕީން ވަކިވެގަނެގެން އުޅޭ ދަ ޑިމޮކްރެޓްސްއެވެ. އެމީހުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއާއި އިތުރު މެންބަރުން ވެގެން ހަރުގެ ހުޅުވާފައި ވަނީ އެތަން ހުސްކުރަން ވެރިފަރާތުން އެމްޑީޕީއަށް އެންގުމާ ގުޅިގެން އެމްޑީޕީއިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފާ ވަނިކޮށެވެ.
އެމްޑީޕީއިން ބުނީ އެ ޕާޓީއިން ބޭނުން ކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކު ހަދާފައި ވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށާއި ހަރުގެ އިމާރާތުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް އެއްބަސް ވެފައިވާ ކަމަށެވެ.
ނަމަވެސް ހަރުގެއަށް ގަދަކަމުން ވަނުމުގެ ސަބަބުން ހަރުގޭގައި ހުރި މުދަަލަށް ގެއްލުން ލިބި، ހަރުގެ ހިސޯރުކުރި ކަމަށް ބުނެ އެކަން އެ ޕާޓީއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިވެސް ކޮށްފައެވެ. އެކަން ކުށްވެރި ކުރަމުން އެމްޑީޕީގެ ފަރާތުން ބުނީ އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައި ވާތީ އެއްބަސްވުމުގެ ދަށުން ޕާޓީއަށް ލިބިދޭ ހައްގުތައް ހިމާޔަތް ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ކަމަށެވެ.
އެމްޑީޕީއިން މިހެން ބުނާއިރު، ހަރުގެ އިމާރާތުގެ ވެރިފަރާތް އަދި އެމްޑީޕީގެ މެންބަރު ޝަފިއްޔާ ޒުބައިރު ބުނީ، އެތަން ހުސްކުރަން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު އެމްޑީޕީއަށް ނޯޓިސް ދިނީ އެ ޕާޓީގެ ވެރިންނާ ވާހަކަދައްކާތާ ދުވަސްތަކެއްވީ ފަހުން ކަމަށެވެ. އަދި އެ ނޯޓިސްގެ ޖަވާބު އެމްޑީޕީއިން ފޮނުވީ 26 އޭޕްރީލްގައި ކަމަށާއި އެ ސިޓީގައި ބުނެފައި ވަނީ އަދި އެތަނުގައި މަޑުކުރަން ބޭނުންވާތީ ޖުލައި 31 އަށް އެތަން ހުސްކޮށް ދޭނެ ކަމަށެވެ.
ޝަފިއްޔާ ބުނީ އެމްޑީޕީއާއެކު އޮކްޓޯބަރު 2019 ގައި އެއްބަސްވުމެއް ހެދިފަހުން މުއްދަތު އިތުރުކުރަންވެސް އެ ޕާޓީއިން އިތުރަށް އެދިފައި ނުވާ ކަމަށާއި އޭރު ހެދި އެއްބަސްވުމުގައި، އެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އިތުރު ނޯޓިސްއެއް ދިނުމަކާ ނުލާ ވެރިފަރާތަށް އެތަން ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ޝަފިއްޔާ އިތުރަށް ބުނީ އެމްޑީޕީއިން އޭނާގެ ވިޔަފާރިއަށް ހުރަސް އަޅަމުން ދިޔަ ކަމަށާއި އަމިއްލަ ދިރިއުޅުމަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލު ހޯދުމަށް އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރަން ގަސްތުކުރާ ކަަމަށްވެސް ޝަފިއްޔާ ބުނެއެވެ.