ޗާގޯސް މައްސަލައާ ގުޅިގެން ބާއްވަން ނިންމާފައިވާ ހަރަކާތުގައި ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ގާސިމް މިފަދައިން އެދިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަށް ގާސިމް މިއަދު ފޮނުއްވި މެސެޖެއްގައެވެ.
އެގޮތުން ގާސިމް ވަނީ ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބާއި ނަތީޖާ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުގެ ގިނަ މެންބަރުންނަށް އޮޅިފައި ނޯންނާނެ ކަމަށާއި އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިސް ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
އެންމެ ފަހުން ޖޭޕީއިން ބޭއްވި ކައުންސިލް ބައްދަލުވުމުގައިވެސް ނުސީދާ ގޮތަކަށް ގާސިމް ވަނީ އެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޖޭޕީއަކީ މުޒާހަރާ ކުރުމަށް ބޭނުންވާ ޕާޓީއެއް ނޫން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީތަކުން ބޭއްވި "މޭޑޭ މުޒާހަރާ" ގައިވެސް ބައިވެރިނުވާން ޖޭޕީގެ މެންބަރުންނަށް އެންގެވި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ގާސިމް ވަނީ އެ މުޒާހަރާގައި ޖޭޕީގެ ކައުންސިލްގެ ދެ މެންބަރަކު ބައިވެރިވި ކަަމަށްވެސް ވިދާޅުވެފައެވެ. އަދި މޭޑޭގެ މުޒާހަރާއިން ނުކުންނާނެ ކަމަށް ލަފާ ކުރި ނަތީޖާ އާއި ނުކުތް ނަތީޖާ ވަރަށް ބޮޑަށް ތަފާތު ކަމަށާއި އެ މުޒާހަރާގައި ވެސް ޖުމްހޫރީ ޕާޓީން ބައިވެރިނުވަން ނިންމީ ނަތީޖާ ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް މިހެން ވިދާޅުވި އިރު ކަނޑު ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ ވެސް ތަމްސީލު ކުރާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއަކީ އެ ހަރަކާތުގައި މަސައްކަތް ކުރައްވާ އިސް ފަރާތެކެވެ.